ކ. ކޮއްދިއްޕަރު ފިނޮޅުގައި ތަރައްގީ ކުރަމުން އަންނަ އަމީންގިރި ރިސޯޓު އެންޑް ސްޕާގެ ޖެނެރަލް މެނޭޖަރަކަށް ކުރިން ބައެއް ރިސޯޓުތަކަށް ހިދުމަތް ކުރެއްވި ގައުރާވް ތަކޫރު ހަމަޖައްސައިފިއެވެ.

އަމީންގިރި ރިސޯޓުގެ ހިންގުން ހަވާލުކޮށްފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔެ އަށް މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، ހިލްޓަންއާއެވެ. އަމީންގިރި މޯލްޑިވްސް އާއި ހިލްޓަން ގުޅިގެން މި ރިސޯޓު އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަމީންގިރި ރިސޯޓަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރައިން ސްޕީޑް ލޯންޗުގައި 15 މިނެޓުން ދެވޭނެއެވެ.

ހިލްޓަންގެ ދެކުނު އޭޝިއާގެ ޑިރެކްޓަރެއް ކަމަށްވާ ޖެމީ މީޑް ވިދާޅުވީ ގައުރާވް ތަކޫރްގެ ތަޖުރިބާއާ އަމީންގިރި ރިސޯޓަށް ކާމިޔާބު ލިބޭނެ ކަމާ މެދުގައި އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ގައުރާވް ތަކޫރް ވަނީ ހޮސްޕިޓަލިޓީގެ ދާއިރާގައި 17 އަހަރު މަސައްކަތް ކުރައްވައިފައެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން އިނގިރޭސި ވިލާތާއި އިންޑިއާ ފަދަ ގައުމުތަކުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ އިތުރުން ކޮންރާޑް ޕޫން، ކޮންރާޑް ބެންގަލޫރު ހުޅުވައި ހިދުމަތް ދިނުމުގައި ގައުރާވް ތަކޫރު ވަނީ މުހިންމު ރޯލެއް އަދާ ކުރައްވައިފައެވެ.

ގައުރާވް ތަކޫރް އެންމެ ފަހުން ހުންނެވީ އިތާފުށީގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައެވެ. ގައުރާފް ތަކޫރް ބުނީ އޭނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ ބޭނުން ކުރައްވައި އަމީންގިރި ރިސޯޓަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނަކަށް ހައްދަވާނެ ކަމަށެވެ.

އަމީންގިރި ރިސޯޓުގައި ޖުމްލަ 109 ވިލާ ހުންނައިރު، އޭގެތެރެއިން ގިނައީ ވޯޓާ ވިލާތަކެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުރެއެވެ. އަދި ބޮޑެތި އާއިލާތަކަށާއި ގްރޫޕްތަކަށް ހާއްސަކޮށް ހަދާފައިވާ ހަ ކޮޓަރީގެ ވިލާ ވެސް ހުރެއެވެ.

އަމީންގިރި ރިސޯޓުގައި އެންމެ އަގުހެޔޮކޮށް ވިލާއެއް ލިބެން ހުރީ ރެއަކަށް 940 ޑޮލަރަށެވެ. އެ ރިސޯޓުގެ ބުކިން ހެއްދުމަށް މިހާރުން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

ހިލްޓަންގެ ބްރޭންޑުތަކުގެ ދަށުން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި ސާއި ލެގޫން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އިންޑިޔާ މީހުން ހުރިހާތަނަކަށް ގެނެސް ފުރާލާ

    18
    3
  2. ސަފަރު ކައްދަގެ ތިއްތިބެ

    ކިތަންމެ ނުރުހުންވިޔަސް މިކަމުގައި ސޭޓުވަރެއްނެތް! ސޭޓުގެ އެއްވެސް ރިސޯޓެއްގައި ދިވެއްސަކުނޫން މީހަކު ޖީ.އެމް އަކަށް ނުހުންނާނެ! ކީއްތަވާނީ ތީނަގެ ބަދަލުގައި އަމީނުންވެސް ދިވެއްސަކު ތިމިގާމަށް ލީނަމަ ދޯ؟

    2
    1