ރާއްޖެއަށް ތަފާތު މަޝްހޫރު އެތައް ބްރޭންޑްގެ އުފެއްދުންތައް ތައާރަފް ކުރަމުން އަންނަ އެމްޔޫ ސްޓޯރުން ޒުވާނުންނަށް ހާއްސަކޮށް "ކިން ފޮޓޯގްރަފީ ޗެލެންޖް" ގެ ނަމުގައި ހާއްސަ ފޮޓޯ ޗެލެންޖެއް ފަށައިފިއެވެ.

"މޮމެންޓްސް އޮފް ކައިންޑްނެސް" ތީމަށް ކުރިއަށްގެންދާ މި ޗެލެންޖްގައި ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ޖުލައި ނުވަ ވަނަ ދުވަހުން ފެށިގެން އޮގަސްޓް ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ވަނަ އަށް ދާ ފަރާތަކަށް ޑީޖޭއައި ޑްރޯނެއް ލިބޭނެއެވެ. އަދި އެންމެ ކަމުދާ ފޮޓޯތައް ހުށަހެޅި 10 ފަރާތަކަށް ގިފްޓް ހެމްޕާއެއް ލިބޭނެއެވެ.

އެހެންކަމުން މިއީ ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އެ މީހުންގެ ހުނަރު ދައްކާލަން ލިބޭނެ އިތުރު ޕްލެޓްފޯމަކަށް ވެގެންދާނެއެވެ.

މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުން ފޮޓޯ ޖެހޭނީ އިންސްޓަގްރާމަށް އަޕްލޯޑް ކުރާށެވެ. މިގޮތަށް އަޕްލޯޑް ކުރާއިރު، #MUShareKINdness ބޭނުން ކުރަން ވާނެއެވެ. އަދި އެމްޔޫ ސްޓޯރގެ އިންސްޓަގްރާމް އެކައުންޓް ޓެގް ކުރަން ވާނެ އެވެ. އޭގެ އިތުރުން ޕްރައިވެޓް އެކައުންޓެއް ބޭނުން ކުރާނަމަ އެ ފޮޓޯ ޖެހޭނީ 7984747 އަށް ހައި ރެޒޮލިއުޝަންގައި ވައިބާ އިން ނުވަތަ ޓެލެގްރާމް މެދުވެރިކޮށް، ހުށަހަޅާ ފަރާތުގެ ފޭސްބުކް އައިޑީ އާއެކު ފޮނުވާލާށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ޗެލެންޖްގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން އެއް ފޮޓޯއަށްވުރެ ގިނަ ފޮޓޯ ހުށަހެޅިދާނެއެވެ.

އެހެން ނަމަވެސް މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަން ޖެހޭ ވަކި ގަވާއިދުތަކެއް ބަޔާންކޮށްފައި ވެއެވެ. އެގޮތުން އެ ފޮޓޯގައި ވަކިވަކި ފަރުދުންނަށް ނުވަތަ ޖަމިއްޔާއަކަށް ނުރަނގަޅު ގޮތެއްގައި އަމާޒު ނުކުރެވޭނެއެވެ. އެއްވެސް ހުށަހެޅުމެއްގައި އެއްވެސް ބަޔަކަށް ކުޑަމީސްވާފަދަ ކަމެއް ފާހަގަވާނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި އެއްވެސް ކޮޕީރައިޓެޑް އަދި އެޑިޓްކޮށްފައިވާ ފޮޓޯއެއް ހުށަނޭޅޭނެއެވެ. އޭގެ އިތުރުން އެހެން މީހެއްގެ ފޮޓޯއެއް ހުއްދަ ނެތި ބޭނުން ނުކުރެވޭނެއެވެ.

އޭގެ އިތުރުން އެމްޔޫ ސްޓޯރުން ބުނީ، އެ ޑްރޯން ލިބޭ ނަސީބުވެރިޔާއަށް އެހެން ފަރާތަކަށް ހަދިޔާ ކުރަން ބޭނުން ނަމަ، އެހެން ފަރާތެއް ނޮމޮނޭޓް ކުރެވިދާނެ އެވެ. އެހެން ނަމަވެސް އިނާމުގެ ބަދަލުގައި ފައިސާ ނުދެވޭނެއެވެ.

މި ޗެލެންޖްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެމްޔޫ ސްޓޯރުގެ ޖަޖިންގ ޕެނަލްއަކުން އެންމެ ކަމުދާ 10 ފޮޓޯ ހޮވާނެއެވެ. އަދި އެއް ވަނައަށް ދާ މީހަކު ހޮވުމަށް އެމްޔޫ ސްޓޯރުގެ ފޭސްބުކް ޕޭޖްގައި އެ 10 ފޮޓޯ އަޕްލޯޑް ކުރާއިރު، އެ ފޮޓޯ ނެގި ފަރާތުގެ ފޭސްބުކް އައިޑީ ޓެގް ކުރާނެއެވެ. އަދި އެއް ވަނަ އަށް ދާ ފަރާތެއް ހޮވާނީ އާއްމުން އެ ފޮޓޯއަށް ދޭ ރިއެކްޝަންއަށް ބެލުމަށް ފަހުއެވެ.

މިއީ އެމްޔޫ ސްޓޯރުން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ޗެލެންޖް ކަން ފާހަަގަކޮށްލެވެއެވެ.