ސަރުކާރުން ކުރާ ދަތުރުތަކަށް މި އަހަރުގެ މިހާތަނަށް ކުރި ހޭދަ މިދިޔަ އަހަރަށްވުރެ 45 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރޭ ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ހޭދައިގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ދަތުރުތަކުގެ ހަރަދަށް ހޭދަކޮށްފައި ވަނީ 62.2 މިލިއަން ރުފިޔާއެވެ. އެކަމަކު، މި އަހަރުގެ ޖުލައިގެ ނިޔަލަށް އެ ހޭދަ ވަނީ 113.2 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެއީ، ގާތްގަނޑަކަށް 45 އިންސައްތައިގެ ކުރި އިތުރުވުމެކެވެ. މިއަހަރުގެ ބަޖެޓުގައި ދަތުރުފަތުރުގެ ހޭދައިގެ ގޮތުގައި 203 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

މިދިޔަ އަހަރާ ބަލާއިރު މިއަހަރު، ސަރުކާރުން ދަތުރުތަކަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވެފައިވާއިރު އިގްތިސާދީ ހާލަތަށް ބަލާ ދައުލަތުގެ އާމްދަނީއާއި ހަރަދުތައް އެއްވަރު ކުރުމަށް ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ދަތުރުތަކަށް ކުރާ ހޭދަ ބޮޑުވިއިރު، ސަރުކާރުން އެކިއެކި ބޭނުންތަކުގައި ވަރަށް ގިނައިން ދަތުރުކުރައްވައެވެ. އަދި ދަތުރުތަކުގައި ބޮޑެތި ވަފުދުތައް ބައިވެރިވެވަޑައިގަންނަވައެވެ. އިދިކޮޅުން އެންމެ ބޮޑަށް ފާޑު ކިޔާ އެއް ކަމަކީ ވެސް އެއީއެވެ.

ކަން މިހެން އޮތްއިރު މިދިޔަ މަހު ސަރުކާރުން ވަނީ ދައުލަތުގެ ހަރަދުތައް މެނޭޖުކުރުމަށް ރައްޔިތުން އަތުން ނަގާ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން ޖީއެސްޓީ %6 އިން %8 އިންސައްތަ އަށް ބޮޑު ކުރުމަށް ނިންމާފައިވެއެވެ. އަދި ޓީޖީއެސްޓީ %12 އިން %16 އަށް ބޮޑު ކުރުމަށް ވެސް ނިންމިއެވެ. މި ދައުރުގެ މަޖިލީސް ފެށުމާއެކު މި ބަދަލުތައް ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ރައްޔިތުން ބަނޑުފަޅާއިގެން ސޯލިބެ ދަތުރުކުރަނީ

    18
  2. ޙަސަނު

    ޙެހެހެހެެ ދެމަފިރިން މަޖަލުގަ

    13
  3. އައްޔު

    ދަތުރުކުރިޔަސް އޯކޭ އެކަމަކު އެކުރާ ދަތުރަކުން ރައްޔިތުންނަށް އެޔަށްވުރެ ބޮޑު ފައިދާއެއްވާންވާނެ މަށަކީ ރައީސޭ މަ ބޭނުންތާކަށް ދެވޭނޭ ކިޔާ ރައްޔިތުންގެ ފައިސާއިން އަޗާތެޅުމަކީ އެއްވެސް ރައީސަކު އަދި މިނިސްޓަރަކުވެސް ކޮށްގެންވާނެ ކަމެއް ނޫން

    11
  4. ޑައެލޯގް

    އެމްޑީޕީގެ ވެރިކަމެއްގައި ފައިސާވަންނާނީ ސީދާޖީބަށެވެ. ޖީބަށް ފައިސާއެބަވަދެއެވެ. އިންކަމްޓެކްސް 25000 ރުފިޔާލިބޭމީހާއަތުންވެސްނަގަނީއެވެ. އެކަމަކު ގާސިމްމެންއަތުން ނެގުމުގެބަދަލުގައި ދައުަތުގެ ހަޒާނާދެނީއެވެ.