ގުޅީފަޅުގައި ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ބަޔަކާއި ހަވާލުކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީ ފަޅަށް ބަދަލުކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން އެތައް ފަހަރަކު ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ކޮވިޑާއި ގުޅިގެން މިމަޝްރޫޢު ލަސްވެފައިވާކަމަށެވެ. ބަނދަރު ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވީ ނަމަވެސް، ގުޅީފަޅު ހިއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެއްބައި ހިއްކާފައި އަނެއްބައި ހިއްކުމަށް އެއަށްހުރި ގޮންޖެހުންތަކެއް، ވަރަށް ބޮޑަށް ޑިލޭވެގެން އައިއްސަ، ވަރަށް ފަހުން އެކަންތައް ފައިނަލައިޒްވެގެން އައީ، އެ ޑިލޭ އެ އޮތީ އައިސަ، ޕޯޓެއް ނުހެދޭނެ ނުހިއްކައެއް، މިހާރު ހިއްކުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވަނީ، ވަރަށް އަވަހަށް މަސައްކަތް ފެށޭނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް، އިންޑިއާގެ އެގްޒިމް ބޭންކުން މިހާރު ޕްރީ ކޮލިފައިކުރުމަށްފަހު ލިސްޓު ލިބިފައިވާ ކަމަށެެވެ. އަދި ޓެންޑަރ ދިނުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެގްޒިމް ބޭންކުން ޕްރީ ކޮލިފައިކުރުމަށްފަހު ލިސްޓު ފޮނުވައިފި، މި މީހުންނޭ ހޮވުނީ، ދެން އަޅުގަނޑުމެން އެމީހުންނަށް ޓެންޑަރ ދޭނީ، އެހެންވީމަ ޕޯޓުގެ ކޮންޓްރެކްޓަރެއް އައްޔަން ކުރެވޭނެ ކަމަށް ލަފާކުރެވެނީ ތިންމަސް ދުވަސްތެރޭ" މިނިސްޓަރ ވިދާޅުވިއެވެ.

ބަނދަރު ތަރައްޤީކުރުމަށް އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައިވެސް ވަނީ ފައިސާ ހަމަޖައްސާފައެވެ. ގުޅީފަޅު ހިއްކުމަށާއި، ރާއްޖޭގެ މައި ސީޕޯޓް ތަރައްޤީކުރުމަށް ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން އެހެން ތަނަކަށް ބަނދަރު ބަދަލު ކުރުމުގެ ވާހަކަތައް ދެކެވޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމަސައްކަތް ކުރިއަށް ގެންދިޔައެވެ. ޔާމީންގެ ސަރުކާރުން މަސައްކަތް ކުރީ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން އެސިޔާސަތު ވަނީ ބަދަލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާން

    ހިތުން މާމޮޅުކަމެއްކަމަށް ދެކިގެން ވެރިކަންވެއްޓެންވާއިރަށް އިންޑިޔާއަތްދަށަށް ގައުމުގެ މުހިންމު ފެސިލިޓީތަކުގެ މަޝްރޫތަށް ތަޅުލެވޭނޭހެން ދޫކުރަމުންދާ މަންޒަރު މިފެންނަނީ. މިތީ ހަގީގީ ޣައްދާރުން.

  2. ޢަލީ

    މައުމޫނު އާއި ގާސިމުގެކޯލިޝަނުން ގައުމު އިންޑިޔާގެ އަޅުވެތިކަމާއި ދަރަނީގައި ފިތައި ރައްޔިތުންތައް އޮއްބާލަނީ.