ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެެވެ.

މި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ބޭންކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.

އެގޮތުން ޢާއިޝަތު ނޫރައްދީން (ޑެޕިއުޓީ ސީއީއޯ)، ފާތިމަތު މަނިކެ (ޑިވެލޮޕްމަންޓް ބޭންކިންގ ޑައިރެކްޓަރ) އަދި މޫސާ މުޙައްމަދު (ސީނިއަރ ފެސިލިޓީސް އޮފިސަރ) އަށް ވަނީ ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމަށް ހާއްސަ އެވޯޑެއް ދީފައެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް އެވޯޑް ވަނީ ދީފައި - ފޮޓޯ:ބީއެމްއެލް

މި ހަފްލާގައި 35 އަހަރު ބޭންކަށް ހިދުމަތްކޮށްދެއްވާފައިވާ ފިރާގް އަހުމަދު (ސީނިއަރ ރީކޮންސިލިއޭޝަން އޮފިސަރ) އަށްވެސް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވަނީ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދީފައެވެ.

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް އެވޯޑް ވަނީ ދީފައި - ފޮޓޯ:ބީއެމްއެލް

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކާރލް ސްޓުމްކަ ވިދާޅުވީ މި ގައުމުގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތައް މި ފުރުސަތުގައި ޝުކުރު އަދާކުރާ ކަަމަށެވެ.

"މި ދާއިރާގައި ތިޔަ ބޭފުޅުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް." އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު