ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒު ކުރުމަށް ވޯލްޑް ބެންކްގެ ނައިބު ރައީސް މާޓިން ރައިސާ އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ރައީސް ސޯލިހާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ. މާޓިންގެ ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވާފަ އެވެ.

މިއަހަރުގެ ޖުލައި މަހު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މާޓިން ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި އަދި ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސޯދެއް ބިނާކުރުމަށްޓަކައި ގެންނަމުންދާ މުހިންމު އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެއްބާރުލުން ދޭނެކަން ރައީސް ސޯލިހްގެ އަރިހުގައި ވިދާޅުވެފަ އެވެ.

މާޓިން ވަނީ ވަނީ ރައީސް ސޯލިހް؛ މިނިސްޓަ އޮފް ފިނޭންސް އިބްރާހިމް އަމީރު؛ މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް؛ އަދި، މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ބައްދަލުކުރައްވާފަ އެވެ.

ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިން ރައީސް ސޯލިހާއި ބައްދަލުކުރެއްވުމުގެ ތެރެއިން
--- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުވުންތަކުގައި ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވޯލްޑް ބޭންކާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ލޮޅުންތަކުން އަރައިގަތުމަށް ގެންނަމުންދާ ގޮންޖެހުންތައް ބޮޑު މާލީ އިސްލާހުތަކާއި އިންވެސްޓްމަންޓްތަކަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މާޓިން ވަނީ ދެއްވާފަ އެވެ. އަދި މާލިއްޔަތު އާރާސްތުކުރުމަށް މުހިންމު ފިޔަވަޅެއްގެ ގޮތުން މި ފަހުން ޓެކްސް ބޮޑުކޮށްފައިވާތީ އެކަމަށް ސަރުކާރަށް ތައުރީފްކުރެއްވެވި އެވެ.

"ފަގީރު ގައުމެއްގެ ގޮތުގައި އޮތް ރާއްޖެ ވަނީ ޖީލެއްގެ ތެރޭގައި މެދުމިނުގެ އާމްދަނީ ލިބޭ ގައުމަކަށް ތަރައްގީވެފައި. އަދި ރާއްޖޭން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ވެސް ރަނގަޅަށް ބަލަހައްޓާފައި. ނަމަވެސް، ދަރަނީގެ މިންވަރު މައްޗަށް ދިއުމާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާއި ލޮނުގަނޑު އުފުލުން ފަދަ ކަންކަމުގެ ސަބަބުން އާ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވޭ،" މާޓިން ރައިސާ ވިދާޅުވި އެވެ.

ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށްޓަކައި ހަރުދަނާ މާލީ ސިޔާސަތުތައް ތަންފީޒުކޮށް، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު ވަރުގަދަކޮށް، ހެޔޮ އަގުގައި އާންމު ހިދުމަތްތައް ދިނުމަށް ސްމާޓް އިންވެސްޓްމަންޓްތައް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ އެކްސެލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ އެހީގައި މާލޭގައި 5 މެގަވޮޓްގެ ސޯލާ ފޮޓޯވޯލްޓައިކް (ޕީވީ) ބެހެއްޓުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މާޓިން ވަނީ ދިވެހި ސަރުކާރުގެ އިސް ވެރިންނާ އެކު ބައިވެރިވެވަޑައިގެންފަ އެވެ. އެ މަޝްރޫއުގެ ސަބަބުން، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަ އަގެއްގައި ކަރަންޓް އުފެއްދި، އޭގެ ސަބަބުން ދައުލަތުގެ ބަޖެޓާއި ބޭރު ފައިސާ ސަލާމަތްކުރުމަށް މުހިންމު އެހީއަކަށް ވެގެންދާނެ އެވެ.

ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިން ރައީސް ސޯލިހާއި ބައްދަލުކުރެއްވުމުގެ ތެރެއިން
--- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އީޖާދީ ވިސްނުންތަކާއި ވަސީލަތްތައް އަދި ޑޭޓާ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަށް ވޯލްޑް ބޭންކާއި ދިވެހި ސަރުކާރުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ، ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވެސް މާޓިން ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭން ބޭރުގައި މާޓިން ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލާއި މުހިންމު އުމްރާނީ ވަސީލަތްތަކާއި ރައްޔިތުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ގާތުން ބައްލަވާލެއްވުމަށް ކ. ގުޅިއަށް ޒިޔާރަތްކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލޭ

    ތިޔަ ވޯލްޑް ބޭންކުގެ އެހީގަވިޔަސް މިއުޅޭ ސޯލިހައް ތައުލީމު އުނގަންނާދީބަލަ ކޮންފަދަ މުސީބާތެއް މީނަޔާހުރެ ގައުމައް މި ޖެހެނީ

  2. އަބްދޫ

    މާލީ ކަންކަން އެގޭނީ އެކަން ދަންނަ ބަޔަކަށް.ސާލިހް އަކީދަރަނި ނަގައިގެން ފައިސާ ބަހަންދަންނަ ބޭކަލެއް އެކަންއެބަ ކުރައްވާ އެއީ މާލީ ސިޔާސަތުގެ ބުރަދަން ހުރިބައި އެއީ 2 ވަނަ ދަވްރެއް ހާސިލް ކުރުމުގެ ސިޔާސަތު. ރައްޔިތުންނަށް ހަމަހަމަ ސިޔާސަތެއް ގެންގުޅުއްވުމަށް ވަޒީފާ ހަދާ މުސާރައިގެ ނަމުގަ ނާޖާއިޒް ފައިދާ އާންމުކުރައްވައިފި. އެއީ މާލީ ސިޔާސަތުގެ ވޮލްޑް ބޭންކުގެ މެއިންޑޭޓް ބާ؟ މިމަސްފެށުނުފަހުން 300 މިލިއަންޑޮލަރުގެ ދަރަނި ނަގައިފި އޭގެތެރޭން 100 މިލިއަނަކީ ޖީބުތައް ފުރުމަށް ހަރަދު ކުރާބައި 200 މިލިއަނަކީ ރާއްޖޭގެ ރިޒާވަށް އިތުރުކުރަންނެގި މަތީ އިންޓަރެއްޓްގެ ލޯނެއް. މި ހިސާބުން ދިވެހިގައުމުގެ މާލީ ސިޔާސަތު ގޮސް އޮތްހިސާބު އަމިއްލަފުޅައް ވިސްނާލައްވާ،