ކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީން މިހާތަނަށް 15 ބިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާ އިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި މިހާތަނަށް 15 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

މިގޮތުން:

  • ރިސޯޓު ކުލިން ނުލިބި 9.4 ބިލިއަން ރުފިޔާ
  • ޖީއެސްޓީގެ ގޮތުގައި ނުލިބި 1.9 ބިލިއަން ރުފިޔާ
  • އެސްއޯއީތަކުން ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ނުލިބި 1 ބިލިއަން ރުފިޔާ
  • ޓީޖީއެސްޓީގެ ގޮތުގައި ނުލިބި 790 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސްގެ ގޮތުގައި ނުލިބި 318 މިލިއަން ރުފިޔާ
  • އެހެނިހެން ޓެކްސްގެ ގޮތުގައި ނުލިބި 2.1 ބިލިއަން ރުފިޔާ

ރިސޯޓު ކުލީގެ ގޮތުގައި ނުލިބިވާ 9.4 ބިލިއަން ރުފިޔާއަކީ ކުލީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ އާއި ޖޫރިމަނާގެ 6.4 ބިލިއަން ރުފިޔާއެވެ. އެއީ ދައުލަތުގެ އާމްދަނީގެ %60 އިންސައްތައެވެ.

ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބި، ގިނަ ދުވަސްވާ ނަމަ އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި، ޓެކްސް ނުދައްކާ ފަރާތްތަކަށް "ނޭމް އެންޑް ޝޭމް" އުސޫލުން އެ ފަރާތްތަކުގެ މައުލޫމާތުތައް އާންމު ކުރާނެ އުސޫލެއް ވެސް މީރާ އިން ވަނީ އެކުލަވައިލާފައެވެ.

މީރާ އިން މިހާތަނަށް ވަނީ ނޭމް އެންޑް ޝޭމް އުސޫލުން ރިސޯޓު ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތުތައް އާންމުކޮށްފައެވެ. އެކަމަކު، ނަން އާންމުކުރި ނަމަވެސް އެފަރާތްތަކުން ކުލި ދައްކާފައެއް ނުވެއެވެ.

މި އަހަރުގެ މިހާތަނަށް ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12.6 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައެވެ. ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާ އިން މީރާ އަށް ހޯދުނީ 480 މިލިއަން ރުފިޔާއެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 96 ފަރާތަކަށް ހަމަޖައްސާދީފައިވާކަމަށް މީރާގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ ރިޕޯޓުގައިވެއެވެ.

މީރާއަށް މިއަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާތަކުގެ ތަފްސީލްވެސް ވަނީ ކުއާޓަލީ ރިޕޯޓުގައި ހިމަނާފައެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 2.8 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމަނާއަށް އަރާފައިވާ 2.3 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 5.1 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މިރިޕޯޓުގައިވެއެވެ.

އަދި ޓެކްސް ނޫން އާމްދަނީން ނުލިބި 3.1 ބިލިއަން ރުފިޔާ ހުރި އިރު، ޖޫރިމަނާގެ ފައިސާއަށް 6.7 ބިލިއަން އަރާފައިވެއެވެ. އަދި މިއާއެކު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާ ކަމަށްވެސް މީރާއިންވަނީ ހާމަކޮށްފައިވެއެވެ.

ކޯޓު މެދުވެރިކޮށް ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހަތް މައްސަލަ ވަނީ މީރާއާ އެއްކޮޅަށް ނިމިފައެވެ. އެ މުއްދަތުގައި 108 މައްސަލައެއް މީރާއިން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މީރާއާ ދެކޮޅަށް ތިން މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ހަތަރު މައްސަލަ ވަނީ މީރާއާ ދެކޮޅަށް ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތި 15 ބިލިއަން ހޯދުމަށް ޖީއެސްޓީ 50 ޕަސެންޓަށް ބޮޑުނުކުރާނޭބާ

    11
  2. ބެއްޔާ

    ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ނުލިބި، ގިނަ ދުވަސްވާ ނަމަ އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ފުރުސަތު އޮވެއެވެ.
    އެފަރާތްތަކަށް ދައުވާ ނުކޮށް ތިޔަ ތިބެނީ އަދި ގިނަދުވަސް ނުވާތިތޯ؟

  3. ވަގުން

    މީރާއިން ކީޢްވެބާ ކަންމަތީ ފިހާރައަށާއި ގެސްޓްހައުސްތަކަށް ވަންނަނީ. ބިރު ދައްކަން

    12
  4. Anonymous

    ދިވެހި ނިކަމެތިން އަތުން ދެންތިޔަ ނުލިބޭ ބައި ހަމަޖައްސާލާ.