އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެހީވާ ކަމަށް ބުނެ ދުނިޔޭގެ ގިނަ މުސްލިމް ގައުމުތަކުގައި ފާސްޓް ފުޑް ޗެއިން މެކްޑޮނަލްޑްސް ބޮއިކޮޓް ކުރުމުގެ ސަބަބުން އެ ކުންފުނީގެ ފައިދާ ވަރަށް ބޮޑުތަން ދަށް ވެއްޖެއެވެ.

އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި މެކްޑޮނަލްޑްސް ގެ ވިޔަފާރި ކުރި އަރާނެ ކަމަށް ވޯލްސްޓްރީޓް އިން އަންދާޒާ ކުރި ވަރާއި ގާތަށް ވެސް ވިޔަފާރި ކުރިއަރާފައެއް ނުވެއެވެ. ވޯލްސްޓްރީޓް އިން ވަނީ އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހާއި ހަމައަށް މެކްޑޮނަލްޑްސް ގެ މުޅި ދުނިޔޭގެ ސޭލްސް 7 އިންސައްތަ އަށް އިތުރުވާނެ ކަމަށް ލަފާކޮށް މާލީ ރިޕޯޓެއް ނެރެފައެވެ.

ނަމަވެސް މެކްޑޮނަލްޑްސް ގެ މާލީ ބަޔާނަށް ބަލާއިރު އެ ކުންފުނީގެ ސޭލްސް އެ މުއްދަތުގެ ތެރޭގައި އިތުރުވެފައި ވަނީ އެންމެ 3.4 އިންސައްތައެވެ.

މިއީ މިފަދަ ބޮޑު އަދި މުޅި ދުނިޔޭގައި އޮޕަރޭޓް ކުރަމުންދާ ކުންފުންޏަކަށް ލިބިގެންދިޔަ ވަރަށް ދަށް ނަތީޖާ އެއް ކަމަށާއި، މި ކަމުގެ ފަހަތުގައި ވިޔަފާރި އާއި ގުޅުން ނެތް އެހެން ސަބަބުތަކެއް ވާނެ ކަމަށް ވެސް މާލީ މާހިރުން ވަނީ ބުނެފައެވެ.

މެކްޑޮނަލްޑްސް އިން މި ދިޔަ އޮކްޓޯބަރު މަހު ވަނީ އެ ކުންފުނިން އިސްރާއީލުގައި ހިންގާ އައުޓްލެޓް ތަކުން އިސްރާއީލުގެ ޔަހޫދީ ސިފައިންނަށް ހިލޭ ކެެއުން ދޭނެ ކަން ހާމަކޮށްފައެވެ. އޭގެ ސަބަބުން މެދުއިރުމަތީގައި ހުންނަ މެކްޑޮނަލްޑްސް ގެ އެތައް ރެސްޓޯރެންޓެއް ބަންދުކުރިއެވެ. އަދި މުސްލިމު ގިނަ ގައުމުތަކުގައި މެކްޑޮނަލްޑްސް ބަންދު ކުރުމަަށާއި ބޮއިކޮޓް ކުރުމަށް ވަނީ ގޮވާލާފައެވެ.

އަދި ބައެއް ގައުމުތަކުގައި މެކްޑޮނަލްޑްސް ގެ އައުޓްލެޓް ތަކަށް ހަމަލާ ދީ ގެއްލުން ވެސް ދީފައިވެއެވެ. އެގޮތުން ތުރުކީގެ އިސްތަންބޫލުގައި ހުންނަ މެކްޑޮނާލްޑްސްގެ އައުޓްލެޓެއް ވަނީ ހަލާކު ކޮށްލާފައެވެ.

މިދިޔަ މަހު މެކްޑޮނަލްޑްސް ކުންފުނީގެ ސީއީއޯ ވަނީ މެދުއިރުމައްޗާއި މުސްލިމް އެހެން ގައުމުތަކުގައި އެ ކުންފުންޏާއި ބެހޭ ގޮތުން ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށާއި އޭގެ ސަބަބުން ކުންފުނީގެ ސޭލްސް ދަށް ވަމުންދާ ކަމަށާއި އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ކުންފުންޏަށް މާލީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައެވެ.