އެމެރިކާގެ އަދި މުޅި ދުނިޔޭގެ ވެސް ތައުލީމު ދިނުމުގައި އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއް ޔުނިވާސިޓީ، ހާވާޑް ޔުނިވާސިޓީގައި ކިޔަވަމުންދާ މުސްލިމް އަދި އަރަބި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ހުށައެޅުނު މައްސަލައެއް އެމެރިކާގެ ޑިޕާންމަންޓް އޮފް އެޑިއުކޭޝަން އިން ތަހުގީގު ކުރުމަށް ނިންމައިފިއެވެ.

ހާވާޑް ޔުނިވާސިޓީ ގައި ކިޔަވަމުންދާ މުސްލިމް ދަރިވަރުންނާއި އަރަބި ދަރިވަރުންގެ އިތުރުން އެހެން ނަސްލުތަކަށް ނިސްބަތްވާ ފަލަސްތީނުގެ ހައްގުތަކަށް ތާއީދު ކުރާ ދަރިވަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެ ޔުނިވާސިޓީން ނާކާމިޔާބު ވެފައިވާ ކަމަށް ބުނެ އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެޑިއުކޭޝަނަށް ޝަކުވާ ހުށައަޅާފައި ވަނީ އެމެރިކާގައި މުސްލިމުންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ އެއް ކަމަށްވާ ދަ މުސްލިމް ލީގަލް ލީގުންނެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހާވާޑް ޔުނިވާސިޓީގައި ކިޔަވަމުންދާ މުސްލިމް ދަރިވަރުންނަށް ފާއިތުވެދިޔަ މަސްތަކުގައި އެކި ކަހަލަ ފުރައްސާރަތައް ކުރަމުންދާ ކަމަށެވެ. އަދި އެކުގައި އެއް ކުލާހެއްގައި ކިޔަވާ އެހެން ދީން އަދި ނަސްލުތަކުގެ ދަރިވަރުންގެ ފަރާތުން ޖެއްސުމުގެ ބަސްތައް އަމާޒުވަމުންދާ ކަމަށާއި އަދި ޔުނިވާސިޓީގެ އެކި ހިދުމަތް ތައް ހޯދުމުގައި އެ ކުދިންނަށް ވަރަށް ބޮޑަށް ދަތި ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މި މައްސަލައިގައި އެ ޖަމިއްޔާ އިން އެންމެ ކަންބޮޑުވަނީ މިފަދަ ގަދަރުވެރި ޔުނިވާސިޓީ އެއްގެ ގާބިލު މުދައްރިސުންނާއި ޕްރޮފެސަރުންގެ ފަަރާތުން ދަރިވަރުންނާއި މެދު ނަސްލީ ތަފާތުކުރުން ގެންގުޅޭތީ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.

އޮކްޓޫބަރު 7 ގެ ހަމަލާތަކަށް ފަހު އެމެރިކާގައި ކިޔަވަމުންދާ ފަލަސްތީނުގެ ދަރިވަރުންނަށް ދަނީ އެކި ޒާތުގެ ފުރައްސާރަތަކާއި ކުރިމަތި ވަމުންނެވެ. އެ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެމެރިކާގެ ސިޓީއެއް ކަމަށްވާ ވާމޮންޓް ގައި ވަނީ ފަލަސްތީނުގެ 3 ދަރިވަރުންނަށް ބަޑިން ހަމަލާދީ މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު