ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 29،000 އާ ގާތަށް ޖެހިލައިފިއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެންކްލޭވްގައި އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 28،985 އަށް އަރާފައިވާ ކަމަށެވެ. އަދި 68،883 މީހުން ޒަހަމްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިސްރާއީލުގެ ޣައްޒާގެ އާއިލާތަކާ ދެކޮޅަށް 13 ހަމަލާއެއް އަމާޒުކޮށްފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 127 މީހުން ޝަހީދުވެ، 205 މީހުން ޒަޚަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ޓެލެގްރާމްގައި ބުނެފައިވެއެވެ.

އަދި އެމްބިއުލެންސާއި ސިވިލް ޑިފެންސްގެ ފަޅުވެރިން ޒަހަމްވި ބައެއް މީހުންނާއި އިމާރާތްތަކުގެ ދަށުގައި ތިބި މީހުންނާ ހަމައަށް ދިއުމަށް އިސްރާއީލު ސިފައިން ހުރަސް އަޅާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މުޅި ސަރަހައްދުގައި އެތައް ހާސް ބައެއްގެ ހަށިތައް ވަޅުލާފައިވާ ކަމަށް ބެލެވޭއިރު، އޭގެ މާނައަކީ ޝަހީދުވެފައިވާ މީހުންގެ އަދަދު އެއަށްވުރެ މާ މައްޗަށް ޖެހޭނެ ކަމެވެ.

މިގޮތުން މިހާރުވެސް 7،000 އަށް ވުރެ ގިނަ މީހުން ތިބީ އިމާރާތްތަކުގެ ދަށުވެފައި ކަމަށް ބުނެފައ ވެެއެވެ. އޭގެތެރެއިން 4،900 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.