ފްލައިޓްގެ އިންޖީނު ނިއްވާލާތާ 10 މިނެޓް ތެރޭގައި ފަސިންޖަރުންގެ ފޮށިތަންމަތި ބޭރަށް ފޮނުވަން ފަށަން އިންޑިއާގެ ބޮޑެތި ބައެއް އެއާލައިންތަކަށް އަންގައިފިއެވެ.

ބޯޓު ޖައްސާތާ 10 މިނެޓާއި 30 މިނެޓާއި ދޭތެރޭގައި ފަސިންޖަރުންނަށް އެމީހުންގެ ފޮށި ތަންމަތި ލިބެން ޖެހޭނެ ކަމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

ފެބުރުއަރީ 26 ވަނަ ދުވަހުގެ ކުރިން މި އަމުރާއި އެއްގޮތަށް އަމަލު ކުރަން އެއާލައިން ތަކަށް ވަނީ މުހުލަތެެއް ދީފައެވެ.

ފޮށިތަންމަތި ނުލިބި ގިނަ އިރު ވުމަކީ އެއާޕޯޓުތަކުގައި މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ.

އަވަހަށް ފަސިންޖަރުންނަށް ފޮށި ލިބޭނެ ގޮތް ހެދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީން ވަނީ 7 އެއާލައިނަކަށް އަންގާފައެވެ. އޭގެ ތެރޭގައި އެއާއިންޑިއާ، ވިސްތާރާ އަދި އިންޑިގޯ ހިމެނެއެވެ.

އެއާލައިން ތަކަށް މިފަދަ އެންގުމެއް އަންގާފައިވަނީ މައި ހަ އެއާޕޯޓެއްގައި ފަސިންޖަރުންނަށް ފޮށިތަންމަތި ލިބެން ނަގާ ވަގުތު އޭވިއޭޝަން މިނިސްޓްރީން މޮނިޓަރ ކުރުމަށް ފަހުގައެވެ.

މިނިސްްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތް ފަށާފައިވަނީ ޖެނުއަރީގައި ކަމަށާއި އަދިވެސް ދަނީ ކުރިއަށް ކަމަށެވެ. އަދި ބެގެޖު ފޯރުކޮށްދިނުމުގެ މަސައްކަތް ހުރިހާ އެއާލައިނަކުންވެސް ރަނގަޅު ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި ކަނޑައެޅިފައިވާ މިންގަނޑުތަކާއި ބައްދަލުނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މެންޑޭޓުގައި ވާގޮތުން ފްލައިޓްގެ އިންޖީނު ނިވާލާތާ 10 މިނެޓް ތެރޭގައި ފުރަތަމަ ފޮށި އަދި 30 މިނެޓް ތެރޭގައި އެންމެ ފަހު ފޮށި ބެގެޖު ބެލްޓަށް އަންނަން ޖެހޭނެ ކަމަށެވެ.

އެއާޕޯޓުތަކުގައި ފޮށިތަންމަތި ނުލިބި ލަސްވާތީ އިންޑިއާގައި ފަސިންޖަރުންގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.

ވައިގެ ދަތުރުފަތުރު ރަނގަޅު ކުރުމަށްޓަކައި ފާއިތުވި މަސްތަކުގައި އޭވިއޭޝަން މިނިސްޓްރީން ދަނީ ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ. އެގޮތުން ވައިގެ ޓްރެފިކް ރަނގަޅު ކޮށް ފްލައިޓް ޖައްސަން ހޭދަވާ ވަގުތު މަދު ކުރުމުގެ ގޮތުން ފްލައިޓްތައް މަދު ކުރުމަށްވެސް އިންޑިއާގެ ވިޔަފާރީގެ ވެރިރަށް މުމްބާއީގެ ބައިނަލްއަގުވާމީ އެއާޕޯޓަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު