ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި އިތުރު 103 މީހަކު ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގައި 103 މީހުން ޝަހީދުވެފައިވާއިރު، އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ޝަހީދުވި ކަމަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 29،195 އަށް އަރާފައިވާ ކަމަށެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދުތައް މިއަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.

އެ ވުޒާރާހެ ޓެލެގްރާމް ޗެނަލްގައި ބުނެފައި ވަނީ އިސްރާއީލުން ޣައްޒާގައި ވަރުގަދަ ކެމްޕޭނެއް ފެށި ފަހުން މިހާތަނަށް 69،170 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އަދި އިސްރާއީލުގެ ސިފައިން އެމްބިއުލާންސާއި ސިވިލް ޑިފެންސް ކްރޫން، ޒަހަމްވި ބައެއް މީހުންނާއި އިމާރާތާތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުންނާ ހަމައަށް ދިއުމަށް ހުރަސް އެޅި ކަމަށް ބުނެފައި ވެއެވެ.

ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ މުޅި ސަރަހައްދުގައި އެތައް ހާސް ބައެއްގެ ހަށިތައް ވަޅުލާފައިވާ ކަމަށް ބެލެވޭއިރު، މިހާރުވެސް 7،000 އަށް ވުރެ ގިނަ މީހުން ތިބީ އިމާރާތްތަކުގެ ދަށުވެފައި ކަމަށް ބުނެފައި ވެއެވެ. އޭގެތެރެއިން 4،900 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.