ރަޝިއާ އިން ޔޫކުރޭނުގައި ކުރަމުންދާ ހަނގުރާމައިގައި ޔޫކުރޭނުގެ އިރުމަތީގައި އޮންނަ އަވްދީވްކާ ސަހަރު ހިފުމަށް ދިން ވަރުގަދަ ހަމަލާތަކަށް ފިލަން ދުވި ޔޫކުރޭނުގެ އެތައް ސަތޭކަ ސިފައިން ރަޝިއާ އިން ހައްޔަރު ކޮށްފިއެވެ.

އަވްދީވްކާ އަކީ ވަރަށް މުހިންމު ސަހަރެެއް ކަމުން ޔޫކުރޭނުގެ އަސްކަރިއްޔާ އިން ދިޔައީ އެ ސަހަރު ދިފާއުކުރުމަށް ޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ރަޝިއާގެ އަސްކަރިއްޔާގެ ޒަމާނީ ހަތިޔާރާއި ސިފައިން ގިނަ ކަމުގެ ފައިދާ ރަޝިއާ އިން މި ހަނގުރާމައިގައި ވަނީ ވަރަށް ރަނގަޅަށް ނަގާފައެވެ.

އެގޮތުން ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ ޔޫކުރޭނުގެ އަސްކަރިއްޔާގެ ދިފާއީ ހުރިހާ ހުރަސްތަކެއް ފަހަނައަޅައި ގޮސް ޔޫކުރޭނުގެ ސިފައިން ފިލަން ދުވަން މަޖުބޫރު ކުރުވާފައެވެ.

ޔޫކުރޭނުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާ އަށް އަވްދީވްކާ ސަހަރު ގެއްލިއްޖެ ކަމާއި ރަޝިއާގެ އަސްކަރިއްޔާ ދެން ނުހުއްޓުވޭނެކަން ކަށަވަރުވުމުން އެ ގައުމުގެ ސިފައިން ފަހަތަށް ޖެހުމަށް އެންގިކަމަށާއި، އަދި ސިފައިން ސަލާމަތުން އެހެން ސަރަހައްދަކަށް ދިޔުމަށް ބޭނުންވާނެ ވަގުތު ހޯދުމަށް ޓަކައި ޔޫކުރޭނުގެ އަސްކަރިއްޔާގެ އެންމެ ޒަމާނީ އަދި ހުނަރުވެރި އަސްކަރީ ޔުނިޓްތައް އަވްދީވްކާ އަށް ފޮނުވި ކަމަށެވެ.

ސިފައިން ސަލާމަތުން ފަހަތަށް ޖެހުމަށް ކުރި ބުރަ މަސައްކަތުން ގިނަ ސިފައިންނަށް ރައްކާތެރިކަމާއެކީ އެހެން ހިސާބުތަކަށް ދެވުނު ނަމަވެސް ސިފައިންގެ ބައެއް ޔުނިޓް ތައް ރަޝިއާގެ އަސްކަރިއްޔާގެ އަތް ދަށުވެފައިވާ ކަން ޔޫކުރޭނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އޮލެކްސަންޑަރ ސީރްސްކީ ވަނީ އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ހުޅަނގާ އެމެރިކާއިން ބުނިހާ ގޮތެއް ހަދައިގެން އަމިއްލަޔައް ފަނާވަނީ މިޔޮއްގެން ބަޔަކު

    13
  2. ދަވާލާ

    އެމެރިކާގެ ބަހަށް ހެއްލި މުޅި ގައުމު ހަލާކުކޮށްލަނީތި ޒެލެންސްކީއަށް ހަލާކުހުރި

    15