ޕާކިސްތާނަށް ލޯނު ދިނުމުގެ ކުރިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ އޮޑިޓެއް ހެދުމަށް އެދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ސިޓީ އެއް ފޮނުވާފައިވާނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

"އައިއެމްއެފަށް ސިޓީ އެއް ވަނީ ލިޔެފައި އަދި މިއަދު ސިޓީ ފޮނުވޭނެ. މި ހާލަތުގައި ގައުމަށް ލޯނެއް ލިބިއްޖެނަމަ އެ ލޯނު ދައްކާނީ ކާކު؟" އިމްރާންް ޚާން ވިދާޅުވެފައިވާ ކަމަށް ޕާކިސްތާނުގެ ނޫސް އޭޖެންސީ އޭއެންއައި އިން ބުނެފައި ވެއެވެ.

އިމްރާން ޚާން ވިދާޅުވެފައިވަނީ އެ ލޯނުގެ ސަބަބުން ގައުމުގެ ދަރަނި ބޮޑުވެ ފަގީރުކަން އިތުރުވެގެން ދާނެ ކަމަށެވެ.

އިމްރާން ޚާން އެހެން ވިދާޅުވެފައި ވީ ނަމަވެސް ޕާކިސްތާނުގެ އާ ސަރުކާރާއި އެކީ މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ.

އިމްރާން ޚާން ގެ އެ ސިޓީ އާއި ގުޅިގެން ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ގެ ލީޑަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިސްހާގް ދަރް ވިދާޅުވެފައިވަނީ އިމްރާން ޚާންގެ ސިޓީއަކީ އެއްވެސް މާނައެއް ހުރި ސިޓީއެއް ނޫން ކަމަށާއި އަމިއްލަ ބޭނުމަށް އެފަދަ ސިޓީ އެއް ލިޔުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

މިދިޔަ އަހަރު ޕާކިސްތާނަށް ވަނީ އައިއެމްއެފް އިން ތިން ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމެއް ކާމިޔާބުވެފައެވެ. ޕާކިސްތާނުގެ އިގުތިސޯދު ޑީފޯލްޓް ވުމުން ސަލާމަތް ކޮށްދިނުމަށް އެ ލޯނު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް އަންނަ މަހު އެ ޕްރޮގްރާމްގެ މުއްދަތު ހަމަވާއިރު، އާ ސަރުކާރުން އަދި އެއަށްވުރެ ބޮޑު ލޯނެއް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ފެބުރުއަރީ އަށް ވަނަ ދުވަހު އޮތް އިންތިހާބަށް ފަހު ޕީއެމްއެލް-އެން، ޕާކިސްތާން ޕީޕަލްސް ޕާޓީ އަދި ކުދި ޕާޓީތަކަކުން ވަނީ އާ ސަރުކާރެއް އެކުލަވާލުމަށް ކޯލިޝަން ހަދާފައެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމަށް ބުނެ އިމްރާން ޚާންގެ ޕާކިސްތާން ތެހެރީކޭ އިންސާފް ޕާޓީންނާއި އެހެނިހެން ޕާޓީތަކުން ދަނީ އަދިވެސް އެގައުމުގައި މުޒާހަރާ ކުރަމުންނެވެ.