ރޭ މޮސްކޯ ކައިރީގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 133 އަކަށް އިތުރުވެފައިވާ ކަމަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި ހާދިސާ އާ ގުޅިގެން ރަޝިއާގެ ދާހިލީ ވުޒާރާއިން ބުނީ, ހަމަލާދިން 4 މީހުންނާއެކު ޖުމްލަ 11 މީހަކު މިހާރު ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ 4 މީހުންނަކީ މުޅިންވެސް ރަޝިއާއިން ބޭރު މީހުން (ބޭރު ގައުމުތަކުގެ މީހުން) ކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ހަމަލާދިން މީހުން ކޮންސެޓް ހޯލް ތެރެއިން ހިނގާފައި ދިޔައިރު އާންމުންނަށް އަމާޒުކޮށް، ބަޑިޖަހަމުން ދިޔައެވެ. އެއަށްފަހު އެ އިމާރާތުގައި އަލިފާން ރޯކޮށްލި ކަމަށް ރަޝިޔާގެ ތަހުގީގު ކުރާ ފަރާތްތަކުން ބުނެ އެވެ.

މިހަމަލާގެ ޒިންމާ އައިސިލް-ކޭ ކިޔާ އައިސިސް ގެ ޖަމާއަތަކުން އުފުލާފައި ވާ އިރު ހަމަލާގައި ބައިވެރިވި މީހުންގެ ފޮޓޯވެސް އެމީހުން އާންމު ކޮށްފައިވެއެވެ.

އަލިފާން ރޯވެ އަނދައިގެން ސީލިންތަކާ އެއްކޮށް އެ ހޯލުގެ ބޮޑުބައެއް ވެއްޓުނު އިރު ގާތްގަނޑަކަށް 60 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވެއްޓިފައި ވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

މިހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި އިރު ރަޝިއާގެ 3 ބޭންކަކުން ވަނީ މަރުވި މީހުންގެ ތެރެއިން އެ ބޭންކުތަކުން ލޯނު ނަގާފައި ތިބި މީހުންގެ ލޯނުތައް މާފުކޮށްދޭނެ ކަމަށް ބުނެފައެވެ.

މިހަމަލާ އައިސިސް އަށް ނިސްބަތްވާ އައިސިލް-ކޭ ކިޔާ ޖަމާއަތުން ދިނުމުގެ ފަހަތުގައި ވަނީ ސީރިއާ އާއި އަފްގާނިސްތާން ފަދަ ގައުމުތަކުގައި އައިސިސް އާ ދެކޮޅަށް ރަޝިއާއިން ކުރާ ހަނގުރާމައިގެ ބަދަލު ހިފުން ކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް މިހަލާ ދިން ސަބަބެއް އެ ޖަމާއަތުން ހާމަ ކޮށްފައެއް ނުވެއެވެ.

މި ހަމަލާ އާ ގުޅިގެން ރައީސް ވަލްޑިމިއާ ޕުޓިން ވިދާޅުވީ, ޒިންމާ ވާ އެކަކުވެސް ދޫނުކުރާނެ ކަމަށާއި ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.