ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުން ދިން ހަމަލާތަކެއްގައި އިސްރާއީލްގެ މީހަކު މަރާލައިފިއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކުރާ ގޮތުގައި، އިސްރާއީލްގެ އުތުރުގައި ސައިރަންގެ އަޑުތައް އިވިފައި ވަނީ ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އެ ސަރަހައްދަށް ފޮނުވާލި ރޮކެޓް ހަމަލާތަކަކާ ގުޅިގެންނެވެ. އެ ރޮކެޓުތައް އަމާޒުވެފައި ވަނީ ކިރްޔާތު ޝޮމޯނާ ސަރަހައްދަ ކަމަށްވެއެވެ.

އިސްރާއީލްގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހިޒްބުﷲ އިން ފޮނުވާލާފައި ވަނީ 30 އަށް ވުރެ ގިނަ ރޮކެޓެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ރޮކެޓުތައް އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން ނައްތާލާފައިވާ ކަމަށްވެއެވެ. އަދި 10 ވަރަކަށް ރޮކެޓް އިސްރާއީލްގެ ބައެއް ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށްވެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓު ކުރާ ގޮތުގައި ހިޒްބުﷲ އިން ދިން ރޮކެޓް ހަމަލާތަކުގައި މަރުވެފައި ވަނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. އެމީހާ މަރުވެފައި ވަނީ އިމާރާތެއްގެ ތެރޭގައި ހުއްޓާ ރޮކެޓް ހަމަލާއެއް އަމާޒުވެގެން ކަމަށް ވެސް އެ ނޫހުގައިވެއެވެ.

އެ ޒުވާނާއަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހެއް ނޫން ކަމަށާއި އިމާރާތުގެ ތެރެއިން އެމީހާ ނެގިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށް ޓައިމްސް އޮފް އިސްރާއީލްގައިވެއެވެ. މި ހަމަލާގައި މަރާލި އިސްރާއީލް މީހާގެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި އިމާރާތުގެ ތެރެއިން އިތުރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިސްރާއީލުން ބުނެއެވެ. އުމުރުން 30 ވަރަކަށް އަހަރަށްދާ އެ މީހާ ސަލާމަތް ކުރީ ހަލާކުވެފައި ހުރި އިމާރާތުގެ ތެރެއިން ކަމަށްވެއެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު މިދިޔަ އޮކްޓޯބަރު 7 ގައި ހަނގުރާމަ ފެށުނު ފަހުން އިސްރާއީލް އާއި ލުބުނާން ގުޅޭ ބޯޑަރު ކައިރީގައި ކޮންމެ ދުވަހަކު ހެން ހަމަލާތައް ބަދަލު ކުރެވެމުންދެއެވެ. ލުބުނާންގެ ހަމަލާތަކުގައި އިސްރާއީލްގެ ބައެއް މީހުން މަރާލާފައިވާ އިރު، އިސްރާއީލްގެ ހަމަލާތަކުގައި ވެސް ދޭތެރެ ދޭތެރެއިން ލުބުނާނުން މީހުން ޝަހީދުވެފައިވެއެވެ.