މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލަށް އަމާޒުކޮށް ފަލަސްތީނުގެ މިނިވަންކަމަށް ހިތްވަރާއި އެކު ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުން ދިން ވަރުގަދަ ހަމަލާ އަށް ފަހު އިސްރާއީލުގެ އާންމު ރައްޔިތުން ޔަހޫދީންގެ އަސްކަރިއްޔާ އަށް ކުރާ އިތުބާރު ދަށްވެފައިވާ ކަމަށް މެދުއިރުމަތީގެ ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮމްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މުޖާހިދުން ވަނީ ޔަހޫދީންގެ ސެކުއުރިޓީ ޕޯސްޓުތައް ފަސޭހަ ކަމާއި އެކީ ފޫއަޅުވާލާފައެވެ. އަދި އެތައް ސިފައިންނެއް އަސީރުންގެ ގޮތުގައި ވަނީ ރަހީނުކޮށްފައެވެ.

އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާ އަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބިގެންދިޔައީ ހަމާސްގެ މުޖާހިދުންގެ ރޮކެޓް ތަކުން ޔަހޫދީން އެންމެ ފަހުރުވެރިވާ އެމީހުންގެ ވައިގެ ދިފާއީ ނިޒާމު ކަމަށްވާ އަޔަން ޑޯމް ވެސް ފެއިލް ވުމުންނެވެ. އަޔަން ޑޯމަކީ ދުނިޔޭގެ ނިސްބަތުން ވެސް މޮޅު އަދި ފޫއަޅުވާލަން އުދަނގޫ ވައިގެ ދިފާއީ ނިޒާމެކެވެ. ޔަހޫދީންގެ އާންމު ރައްޔިތުން އޮކްޓޫބަރު 7 ވަނަ ދުވަހާއި ހަމައަށް ދެކެމުން އައީ އަޔަން ޑޯމް އިން އެމީހުން ރައްކާތެރިކޮށްދޭނެ ކަމަށެވެ.

ހަމާސްގެ މި ހަމަލާ ހުއްޓުވުމަށް ނުކުޅެދުމުން އިސްރާއީލުގެ އަނިޔާވެރި އަސްކަރިިއްޔާގެ ޖާސޫސީ ކަންކަމާ ބެހޭ އިސްވެރިޔާ ވަނީ އިސްތިއުފާ ދީފައެވެ. އޭނާ މަޤާމުން ވަކި ވަމުން ބުނެފައިވަނީ އޭނާ އިސްތިއުފާ މި ދިނީ އޭނާގެ މަޤާމުގެ ޒިންމާ އަދާކުރުމުގައި އޭނާ ފެއިލް ވެފައިވާކަން ޤަބޫލުކުރެވޭތީ ކަމަށެވެ. އޭނާގެ އިސްތިއުފާގެ ސިޓީ އިސްރާއީލްގެ ދިފާއީ ވަޒީރު މިހާރު ވަނީ ބަލައިގަނެފައެވެ.

ޔަހޫދީ އިސްރާއީލްގެ އިންޓާނަލް ސެކިއުރިޓީ ސާވިސެން ކަމަށްވާ "ޝިން ބެޓް" ގެ ވެރިޔާ ވެސް ވަނީ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ހަމަލާ ނުހުއްޓުވުމަކީ އޭނާގެ ވެސް ބޮޑު ފެއިލިއަރ އެއް ކަމަށް ބުނެފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ހަމަލާގެ އެއް އަހަރު ކުރިން ހަމާސް އިން އެފަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު އިސްރާއީލަށް ދީފައިވާނެ ކަމަށް މިސްރުން ވަނީ ބުނެފައެވެ. ނަމަވެސް ޔަހޫދީންނަށް ހަމާސްގެ ހަމަލާ ހުއްޓުވޭނެ ގޮތް ވަނީ ނުވެފައެވެ.

މި ސަބަބުތަކާއި ހުރެ ޔަހޫދީ އިސްރާއީލްގެ އާންމު ރައްޔިތުން އެ ގައުމުގެ އަސްކަރިއްޔާ އަށް ކުރަމުން އައި އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް މެދުއިރުމަތީގެ ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ތަޖުރިބާކާރުން ވިދާޅުވެއެވެ.