ޔަހޫދީންގެ އަނިޔާވެރި ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަން އެއްބަސްވާނަމަ އަސީރުން ދޫކޮށްލަން ތައްޔާރަށް ތިބި ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލެއް ކަމަށްވާ ޚަލީލް އަލް ހަޔާ ވިދާޅުވީ ހަމާސް ޖަމާއަތުން ވެސް ބޭނުން ވަނީ ސުލްހަ ކަމަށާއި ނަމަވެސް އެ ސުލްހަ އަންނާނީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ޣައްޒާ އަށް ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމުން ކަމަށެވެ. އަދި އިސްރާއީލުން ހަމަލާތައް މުޅިން ހުއްޓާނުލަނީސް ސުލްހައިގެ އެއްވެސް އެއްބަސްވުމަކަށް ހަމާސް އިން އެއްބަސް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މި މައްސަލައަށް މިހާރު ބޭނުންވަނީ ދާއިމީ ހައްލެއް. އިސްރާއީލުން ކުޑަ ވަގުތުކޮޅަކަށް ނުވަތަ ދުވަސް ކޮޅަކަށް ހަނގުރާމަ ހުއްޓާލަން ބޭނުންވަނީ އަހަރެމެން އަސީރުން ދޫކޮށްލީމައި އަނެއްކާ ވެސް ހަމަލާތައް ދޭން ނަމަވެސް ހަމާސް އިން ބޭނުމީ ދާއިމީ ހައްލެއް." ޚަލީލް އަލް ހަޔާ ވިދާޅުވިއެވެ.

އަލްޖަޒީރާ އަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި އަލް ހަޔާ ވިދާޅުވީ އަސީރުން މިނިވަން ކުރުމާއި އަދި ފަލަސްތީނުގެ ބިމުގައި ދާއިމީ ސުލްހަ ޤާއިމުކުރަން ވަރަށް ސީރިއަސް މަޝްވަރާތަކެއް ހަމާސް ޖަމާއަތުން ކުރަމުންދާ ކަމަށާއި އުންމީދުކުރަނީ ވަރަށް އަވަހަށް ސުލްހަ ޤާއިމުވެގެން ދިޔުން ކަމަށެވެ.

ހަމާސް ޖަމާއަތުން އިސްރާއީލުގެ އަސީރުން މިނިވަން ކުރާނެ ކަމަށާއި ނަމަވެސް ބަދަލުގައި އިސްރާއީލްގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީނުގެ އެތައް ހާސް ގައިދީން މިނިވަން ކުރަން ޖެހޭނެ ކަމަށްްވެސް އޭނާ ވިދާޅުވިއެވެ.

ހަމާސް ޖަމާއަތުން ބުނެފައިވަނީ ޣައްޒާ އާރާސްތުކޮށް، ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން ޖެހެނު އާއިލާތައް ވެސް އެނބުރި އެމީހުންގެ ގެދޮރަށް ދެވޭނެ ގޮތް އިސްރާއީލުން މަގުފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.