ނިރުބަވެރި އިސްރާއީލުން އަނެއްކާ ވެސް އިތުރު ދެ ނޫސްވެރިއަކު ޝަހީދު ކޮށްލައިފިއެވެ.

ޤުދުސް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލާފައިވަނީ އައިމަން އާއި އިބްރާހިމް އަލް-ޣާބަވީ ނަމަކަށް ކިޔާ ދެ ނޫސްވެރިއެކެވެ. އެމީހުންނަކީ ކޮން ނޫހެއްގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިން ކަމެއް އެ ނޫހުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ ދެ ނޫސްވެރިން ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ ޚާން ޔޫނިސްގެ ހުޅަނގުއުތުރުގެ ހަމަދް ސަރަހައްދަށް ދިން ވައިގެ ހަމަލާގައެވެ. އެމީހުން ޝަހީދުކޮށްލާފައިވަނީ އެ ސަރަހައްދުގައި ނިރުބަވެރިން ދެމުން އައި ހަމަލާތައް ކަވަރު ކުރަމުން އަންނަނިކޮށެވެ.

އައިމަން އާއި އިބްރާހިމް ޝަހީދު ކުރުމާއި އެކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނި 140 އަށްވުރެ މައްޗަށް އަރާފައެވެ.

ނިރުބަވެރި އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް، ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން ދިން ހަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 34،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 77،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.