ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އެމެރިކާގައި ލޮސް އެންޖެލިސް އިން ފެށިގެން ނިއުޔޯކާއި ހަމައަށް ކުރިއަށް އެބަދެއެވެ.

ޔަހޫދީ އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ފަލަސްތީނަށް ތާއީދުކުރާ އެމެރިކާގެ ދަރިވަރުން ދަނީ ސުކޫލްތަކާއި ކޮލެޖްތަކުގެ ކެމްޕަސްތަކުގައި ވަރަށް ގަދައަށް މުޒާހަރާ ކުރަމުންނެވެ. އެމެރިކާގެ ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގައި ބައިވެރިވާ ދަރިވަރުން ކޭމްޕު ޖަހައިގެން ތިބި ސުކޫލުތަކާއި ކޮލެޖްތަކުގެ ކެމްޕަސްތައް ހުސްކުރުމަށް އަންގާފައެވެ. އަދި ސުލްހަވެރިކަމާއި އެކީ އެތަންތަން ހުސްނުކޮށްފި ނަމަ ބާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެމެރިކާގެ ސަލާމަތީ ބާރުތަކުން ވަނީ ދީފައެވެ.

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގާ އުދުވާނާއި ދެކޮޅަށް އެމެރިކާގައި ފުރަތަމަ މުޒާހަރާ ކުރީ ނިއުޔޯކްގައި ހުންނަ ދުނިޔެއަށް މަޝްހޫރު ކޮލަމްބިއާ ޔުނިވާސިޓީގައެވެ. ނަމަވެސް މިހާރު ދަރިވަރުންގެ މި މުޒާހަރާތައް ވަނީ މުޅި އެމެރިކާ އަށް ފެތުރިފައެވެ.

އެމެރިކާގެ ކޮލެޖްތަކުގައި މުޒާހަރާ ކުރަމުންދާ ދަރިވަރުން އެދެނީ ކޮލެޖްތަކުން އިސްރާއީލާއި އެކީ ހަދާފައިވާ މާލީ އެއްބަސްވުންތައް އޮވާލުމަށާއި އިސްރާއީލްގެ އަސްކަރިއްޔާ އަށް އެހީދޭ ކުންފުނިތަކާއި އެކު މުއާމަލާތްތައް ބާތިލްކުރުމަށެވެ.

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމުންގެ 34،388 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 77،437 ގައެވެ.