އިންޑިއާގެ މުމްބާއީ އެއާޕޯޓުގެ ޓަރމިނަލް އެކެއްގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދީ ފޯނު ކޯލެއް ލިބިއްޖެއެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.

މުމްބާއީ ފުލުހުން ބުނީ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމްއައިއޭއެލް) ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ބޮމުގެ އިންޒާރު ލިބިފައި ވަނީ ކާކު ކަން ނޭނގޭ ނަންބަރަކުން ކަމަށެވެ.

"މުމްބާއީ އެއާޕޯޓުގެ ޓާމިނަލް އެކެއްގައި ބޮމެއް އޮތް ކަމަށް ފޯނު ކުރި މީހާ ބުނި. އޭގެ ފަހުން އެ މައުލޫމާތު ބޮމްބް ސްކޮޑާއި ފުލުހުންނަށް ދިނީ. ފަހުން އޮފިޝަލުން އެތަނަށް ގޮސް ތަހުގީގު ވަނީ ފަށާފައި،". ފުލުހުން ބުނެފައި ވެއެވެ.

އެ ފޯނު ކުރި މީހާ ހުރީ ކޮން ތަނެއްގައިތޯ ސުވާލު ކުރުމުން އޭނާ ވަނީ އިނގިރޭސި ބަހުން "ނަވްޕަޑާ" އިން ކަމަށް ބުނެފައެވެ.

ބޮމުގެ އިންޒާރާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފޯނު ކުރި މީހާ ބުނީ "ޓާމިނަލް 1، ގޭޓް ނަމްބަރު 1" ގައި ކަަމަށެވެ. އަދި އެހެން ބުނުމަށް ފަހު "އޯލް ދަ ބެސްޓް" ކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

ކޯލް ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ މުވައްޒަފު ވަނީ އޭނާގެ އިސްވެރިންނަށް އެކަން އެންގާފައެވެ.

އޭގެ ފަހުން އެމްއައިއޭއެލްގެ އޮފިޝަލުން ބޮން ސްކޮޑާއި ކަމާ ގުޅުންހުރި ހުރިހާ ސަލާމަތީ އިދާރާތަކަށް އެކަން އެންގިިއިރު، އެ ސަރަހައްދު ބަލާ ފާސް ކުރުމަށްފަހު އެތަނުން އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ މިހާރު ފުލުހުން ބަލަމުންދާއިރު، އެ ފޯނު ކުރި މީހާ ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ

"ކޯލް ކުރި ސަބަބު އެނގޭނީ އެ މީހާ އަތުލައިގަތުމުން،". ފުލުހުން ބުނެފައި ވެއެެވެ.