އިންޑިއާގެ ރައީސް ރާމްނަތް ކޮވިންދު ޔޫރަޕުގެ ބައެއް ގައުމުތަކަށް މިއަންނަ ހަފްތާގައި ކުރެއްވުމަށް ހަމަޖައްސާފައި އޮތް ދަތުރު ޕާކިސްތާނުން މަޑު ޖައްސާލައިފިއެވެ.

ޕާކިސްތާނުން ވަނީ ރާމްނަތުގެ މިދަތުރުގައި އެގައުމުގެ ވައިގެ ސަރަހައްދު ހުރަސްކޮށް އައިސްލެންޑަށް އޭނާ ދަތުރުކުރުމަށް އިންކާރުކޮށްފައެވެ.

ޕާކިސްތާނުގެ ޙާރިޖީ ވަޒީރު ޝާހު މެހްމޫދު ޤުރައިޝީ މިއަދު ވިދާޅުވީ މިއީ އިންޑިއާއިން ވެރިވެގެންފައިވާ ކަޝްމީރުގައި ދިރިއުޅޭ ރައްޔިތުންނާ ދޭތެރޭ އިންޑިއާއިން އަމަލު ކުރަމުންދާ ގޮތުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. އަދި މިނިންމުން ނިންމާފައިވަނީ އެގައުމުގެ ބޮޑުވަޒީރު އިމްރާން ޙާން ކަމަށެވެ. ޤުރެއިޝީވަނީ މިފަދަ ނިންމުމާއެކުވެސް އދ ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުގައި ޕާކިސްތާނުގެ ކަންބޮޑުވުންތަކަށް އިތުރު ސަމާލުކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ހާމަ ކުރައްވާފައެވެ.

އިންޑިއާގެ ރައީސް ރާމްނަތު ވަނީ މިއަންނަ ހަފްތާ ތެރޭގައި އެ ގައުމުގެ ވިޔަފާރި ވަފުދަކާއެކު އައިސްލެންޑު، ސްވިޓްޒަލެންޑު އަދި ސްލޮވީނިއާ އަށް ދަތުރުކުރުމަށް ނިންމަވާފައެވެ. މިދަތުރުގައި އެ ގައުމުތަކާއި އިންޑިއާ އާއި ދޭތެރޭ ވިޔަފާރި އާއި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ޙަބަރުތައް ލިބެއެވެ.

ޕާކިސްތާން ވައިގެ ސަރަހައްދު އިންޑިއާ ރައީސްގެ ދަތުރުގައި ބޭނުންކުރުން މަނާ ކުރުމަކީ މިފަހަކަށް އައިސް އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.

އިންޑިއާ ސިފައިން ކަޝްމީރުގައި ކާފިއު ހިންގައި މުސްލިމުންނަށް ދަތިކުރާ ކަމަށް ޕާކިސްތާނުން ދެކެއެވެ. ނަމަވެސް، އިންޑިއާއިން މިކަމުގައި ބުނަނީ ޕާކިސްތާނުން ޓެރެރިސްޓުންނަށް ހިތްވަރުދީ އެމީހުން ރައްކާތެރި ކުރަނީ ކަމުގައެވެ. ކަޝްމީރު ސަރަހައްދުގައި ހަމަނުޖެހުންތައް ބޮޑުވެ މިފަހުން ވަނީ އިންޑިއާ އާއި ޕާކިސްތާން ސިފައިންގެ މެދުގައިވެސް ކުރިމަތިލުންތަކެއް ހިނގައި ދެފަރާތުންވެސް ސިފައިންނާއި އާއްމުންވެސް މަރުވެގެން ގޮސްފައެވެ.