ނެދަލޭންޑުން ކޮވިޑް-19 އަށް މީހާކު ޕޮޒިޓިވް ވެއްޖެއެވެ.
އެގައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވްވީ އިޓަލީވިލާތަށް ދިޔުމަށްފަހު އެނބުރި އެގައުމަށް އައި މީހެއް ކަމަށެވެ.
ކޮވިޑް 19 ދަނީ ހަލުވިކަމާއެކު ވިލާތުގެ ޤައުމުތަކާއި، މެދު އިރުމަތީގެ ޤައުމުތަކުގައި ފެތުރެމުންނެވެ.
ނެދަލޭންޑްގެ ބޮޑުވަޒީރު މާކް ރުޓް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ފިރިހެނެއް ކަމަށާއި އޭނާ އާއި ބައްދަލުވެ، އެކުގައި އުޅުނު މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޮޑުވަޒީރު މާކް ވިދާޅުވީ ކޮވިޑް-19 އަށް އާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މިވަގުތު ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ ސިއްހީ ދާއިރާގެ އޮފިޝަލުން ދެއްވާ އިރުޝާދުތަކަށް އެންމެ ރަނގަޅަށް ތަބާވުން ކަމަށެވެ.
ކޮވިޑް-19 އިޓަލީވިލާތުގައި ވަރަށް ހަލުވިކަމާއި އެކު ފެތުރެމުން ދާއިރު އިޓަލީވިލާތައް ދަތުރު ކުރި އެތައް ގައުމެއްގެ މީހުންގެ ގައިން މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ.
ނަމަވެސް އިޓަލީވިލާތުގެ ސަރުކާރުން މިއަދު ވެސް ބުނީ ކަންބޮޑު ހާސްވާން ޖެހޭ ވަރަށް އަދި ހާލަތު ގޯސް ނުވާ ކަމަށެވެ.