ކޮވިޑް-19 ޖެހިގެން އިންޑިއާ އިން އިތުރު މީހަކު މަރުވެއްޖެއެވެ.
އެހެންކަމުން މިހާތަނަށް އިންޑިއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ ވަނީ ދެއަކަށް އަރާފައެވެ.
މިއަދު އިންޑިއާ އިން މަރުވީ 68 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ ހަކުރު ބަލި ހުންނަ މީހެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ނިއުދިއްލީ އަށް ނިސްބަތްވާ އެއަންހެން މީހާ އަށް ކޮވިޑް-19 ޖެހިފައި ވަނީ އޭނާގެ ފިރިހެން ދަރިފުޅުގެ ފަރާތުންނެވެ. އޭނާގެ ދަރިފުޅު ވަނީ މިދިޔަ މަހު ސްވިޒަލޭންޑަށާއި އިޓަލީވިލާތައް ދަތުރުކޮށްފައެވެ. އެދަތުރުން އެނބުރި އައިފަހުން އޭނާ ވެސް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވުމުން ގެންދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވަން އިންޑިއާ އިން ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ޓެސްޓް ކުރުން އިންޑިއާގައި ވަރަށް ލަސްކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އިންޑިއާ ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އިންޑިއާ ސަރުކަރުން އެތުހުމަތުތައް ދޮގު ކުރެއެވެ.
އިންޑިއާގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ކުރުން އެއީ ވަރަށް ބޮޑަށް ދަތިވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ސަބަބަކީ އާއްމުންގެ ސާފުތާހިރުކަން ކުޑަވުމާއި، އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބޭ އެތައް މިލިއަން ބަޔަކު ތިބުމާއި، އަދި އާއްމުން ހޭލުންތެރި ކުރުވުން އެއީ ވެސް ދަތި ކަމަކަށް ވާނެތީއެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އެގައުމު އޮތީ ކޮވިޑް-19 އައުޓްބްރޭކް ވެދާނެ ކަމަށް ތައްޔާރު ވެގެންނެވެ.
ކޮވިޑް19 ޖެހިފައިވާ މީހަކު މަރުވެއްޖެނަމަ ކޮވިޑް19 އަށް ފައްސި ވެފައިވާ މީހަކު "ގޮއްސި ވެއްޖެ" ކިޔުން ކިހިނެއްވާނެތޯ؟