ޗައިނާގެ ސިޓީއެއް ކަމަށްވާ ޝެންޒެންގައި ކުއްތާގެ މަހާއި ބުޅަލުގެ މަސް ވިއްކައި ވިޔަފާރި ކުރުން މަނާކުރަން ޤާނޫނެއް ފާސްކޮށްފިއެވެ. މިޤާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ މެއި މަހުގެ 01 ވަނަ ދުވަހު އެވެ.
ޝެންޒެން އަކީ ބުޅަލުގެ މަހާއި ކުއްތާގެ މަސް ވިއްކުން މަނާކުރަން ނިންމި ޗައިނާގެ ފުރަތަމަ ސިޓީއެވެ.
ކޮވިޑް-19 ޗައިނާ އިން ފެނި، އަދި މުޅި ދުނިޔެއަށް ފެތުރި އެތައް ހާސް ބަޔަކު މަރުވަމުން ދާއިރު ޗައިނާގައި ވަލުޖަނަވާރު ކެއުމަށް ބޭނުން ކުރުން މަނާކުރަން ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހަމައެކަނި އޭޝިއާގެ ގައުމުތަކުގައި ކޮންމެ އަހަރަކު 30 މިލިއަން ކުއްތާ ކެއުމަށް ބޭނުން ކުރެއެވެ.
ހިއުމެން ސޮސައިޓީ އިންޓަނޭޝަނަލް (އެޗްއެސްއައި) އިން ބުނާ ގޮތުގައި އަހަރަކު ހަމައެކަނި ޗައިނާ އިން ވެސް 10 މިލިއަން ކުއްތާ އަދި ހަތަރު މިލިއަން ބުޅާ މަރާލައެވެ. ޝެންޒެންގައި ބުޅަލާއި ކުއްތާގެ މަހުގެ ވިޔަފާރި ކުރުން މަނާކުރަން ނިންމި ނިންމުމާއި ގުޅިގެން އެޗްއެސްއައި އިން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.
ކޮވިޑް-19 ފަދަ ބައްޔެއް ދެވަނަ ފަހަރަށް ފެތުރިގެން ދިއުން ހުއްޓުމަށް ޗައިނާ އިން އަޅާ ފިޔަވަޅުތަކުގެ ދަށުން ކުރިއަށް އޮތްތަނުގައި ޗައިނާގައި ވަރަށް ބޮޑަށް ވަލުޖަނަވާރުގެ މަސް ކެއުން މަނާކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
މިހާރު ވެސް ޗައިނާ އިން ވަނީ ވަލުޖަނަވާރުގެ ވިޔަފާރި ކުރުން މަނާކޮށްފައެވެ.
ކޮވިޑް-19 ފުރަތަމަ ފެނުނީ ވޫހާންގެ މާކެޓަކުން ކަމަށް ވެއެވެ. އެއީ ވަލުޖަނަވާރު ވެސް ވިއްކަން ހުރި ތަނެކެވެ. ކޮވިޑް-19 އިންސާނުންގެ ގަޔަށް އެރީ ކިހިނެއްކަން އަދި ކަށަވަރު ކަމާއި އެކު ބުނަން ނޭނގުނު ނަމަވެސް ބައެއް މީހުން ލަފާކުރާ ގޮތުގައި އެއީ ވާލެއް، ނުވަތަ ވަލުޖަނަވާރެއް ކެއުމުގެ ސަބަބުން މީހުންނަށް ޖެހުނު ބައްޔެކެވެ.
ތަި މީގެ އެތައްހާސް އަހަރެއްކުރިން މަނާވެފައޮތް ކަންކަން. މިތިބަ ގަމާރު ޖާހިލު ލާދީނީންނަށް އަދިކިރިޔާ މިކަންކަމުގެ ހިކުމަތް ކޮންމެސް ސިފައެއްގަ މި ފެނި އެމީހުންގެ ގާނޫނު އެމީހުން އަމިއްލަޔަށް މި ބަދަލުކުރަނީ. ﷲ އީ ކުޅަދުންވަންތަ ރަސްކަލާންގެ.
މިފަދަ ކަމަކުން ރައްކާތެރިވުމަށް ޗައިނާއަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅު!