އެމެރިކާގައި އަނިޔާވެރި ގޮތަކަށް މަރާލި ޖޯޖް ފްލޮއިޑް މަރާލުމުގައި ބައިވެރިވި ފުލުހުންގެ ތެރެއިން ޖަލަށް ލާފައިވާ ފުލުހަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
ފުލުހުންތަކެއްގެ ސަބަބުން ލިބުނު އަނިޔާތަކާއި ގުޅިގެން ޖޯޖް މަރުވެފައިވަނީ މޭއި މަހުގެ 25 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޑެރެކް ޗައުވިން، ތޯމަސް ލޭން، އެލެކްސެންޑްރާ ޔުއެން އަދި ޓައު ތާއުގެ މައްޗަށެވެ. މީގެ ތެރެއިން ޑެރެކް އަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ. އަދި ބާކީ ތިބި ތިން މީހުންނަށް ކޮށްފައިވަނީ މީހަކު މަރާލުމުގައި ބައިވެރިވެ، އެކަމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
އިއްޔެގެ ވަގުތެއްގައި ކަފާލާތުގެ ދަށުން ދޫކޮށްލާފައިވަނީ މި މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ޑެރެކްއެވެ.
ކޯޓުން ނެރެފައިވާ ބަޔާނަކާއި ހަވާލާދީ އެގައުމުގެ މީޑީއާތަކުން ބުނެފައިވަނީ ޑެރެކްގެ ކަފާލާތުގެ ގޮތުން 1 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަދި މިހާރު އޭނާ ހައްޔަރުގައި ހުރި އޯކް ޕާކް ހެއިޓްސް އިން އޭނާ ވަނީ ނެރެފައެވެ.
ޝަރުތުތަކަކާއި ނުލައި އޭނާއަށް 1.25 މިލިއަން ޑޮލަރު ދެއްކޭނެ ގޮތެއްވެސް ވަނީ ހަމަޖެހިފައެވެ. އެހެން ނަމަވެސް މިހާރު އޭނާ އަށް ޝަރުތުތަކެއް ދީފައެވެ. އެއީ އެއްވެސް މީހަކާއި ބައްދަލުނުވެ ކޯޓުގެ ހުރިހާ އަޑުއެހުންތަކަށް ދިއުމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ 3 ފުލުހުންވެސް ކަފާލާތުގެ ގޮތުގައި 750،000 ޑޮލަރު ދައްކާފައެވެ.
ޖޯޖްގެ މަރާއި ގުޅިގެން މި ހަތަރު މީހުންގެ އަޑުއެހުމެއް ތާވަލު ކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ގާޒީ ވަނީ އެމީހުންގެ އަޑު އެހުންތައް ވަކި ވަކިން ބޭއްވޭނެ ގޮތަކަށް އެދިފައެވެ.
ސާބަހޭ.