ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ކުރިޔަށް އޮތް ދިހަ ދުވަސްތެރޭގައި ބަލި ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނައިސްފިނަމަ ޖަރުމަންވިލާތުގައި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް ވިދާޅުވީ، އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ކޮވިޑް-19 ގެ ނުރައްކާ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަމުގެ އިތުރު ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާކަމަށް މާކެލް ވިދާޅުވިއެވެ.

މާކެލް ވިދާޅުވީ، ފުރަބަންދުގެ ފިޔަވަޅުތައް އެޅުމުން ގިނަ ދަތިތަކާއި ކުރިމަތިވާނެ ކަމަށާއި، އެހެންކަމުން އަދިވެސް ބަލި ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް އާދޭތޯ މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މިގޮތުން ދިހަ ދުވަހުގެ މުއްދަތުގައި ބަލީގެ ވޭދަނަތައް ރިޕޯޓްކުރާ މިންވަރު ދަށް ނުވެއްޖެ ނަމަ އިތުރު ގިނަ ފިޔަވަޅުތަކާއި ކުރިމަތިލާން މަޖުބޫރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާކެލް އިތުރަށް ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ޖަރުމަންވިލާތުގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ވުމަށްފަހު ވޭދަނަތައް އަނެއްކާވެސް އިންތިހާއަށް ބޮޑުވަމުން އަންނަނީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލު ނުވެވޭތީ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އެހެންކަމުން ޖަރުމަންވިލާތުގައި ބަލި ފެތުރުން އަދިވެސް ކޮންޓްރޯލް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާކެލް ވިދާޅުވީ، ޖަރުމަންވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ފުރަބަންދެއް ގެނައުމާއި ގުޅޭގޮތުން މިހާރު އެޤައުމުގެ މޭޔަރުންނާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޖަރުމަންވިލާތް ހިމެނޭހެން މިހާރު ޔޫރަޕުގެ ޤައުމުތަކަށް އަރަމުން ދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅެއް ކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. އަދި މި ރާޅުގައި ޤައުމުތަކަށް ކުރިޔަށްވުރެ ނުރައްކާ ބޮޑުވެދާނެކަމުގެ އިންޒާރުވެސް އެފަރާތްތަކުން ވަނީ ދީފައެވެ.

ޖަރުމަންވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވަމުން އައިނަމަވެސް، ޔޫރަޕުގެ އެހެން ބޮޑެތި ޤައުމުތަކާއި އަޅާބަލާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު މަދެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް އެޤައުމުން ޖުމްލަ 315,000 އަށްވުރެ ގިނަ މީހުން ފައްސިވެ އޭގެތެރެއިން 9667 މީހަކު ވަނީ މަރުވެފައެވެ.