އެމެރިކާގެ ޑިފެންސް ސެކްރެޓަރީ (ޑިފެންސް މިނިސްޓަރ) މާކް އެސްޕާ މަގާމުން ވަކިކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެންމެ ކުރި ޓްވީޓެއްގައި ވަނީ މާކް ޑިފެންސް ސެކްރެޓަރީގެ މަގާމުން ވަކިކުރިކަން އިއުލާން ކޮށްފައެވެ. ޓްރަމްޕް ވަނީ މަގާމުގައި ހުރެ މާކް ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެމެރިކާގެ ނޭޝަނަލް ކައުންޓާޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ކްރިސްޓޮފާ ސީ.މިލާ މިހާރު އެކްޓިން ސެކްރެޓަރީ އޮފް ޑިފެންސްގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމަށް ވެސް ޓްރަމްޕް ބުނެއެވެ.

އެމެރިކާގެ އެންމެ މުހިއްމު އެއް މަގާމު ކަމަށްވާ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުރި ބޭފުޅާ މަގާމުން ދުރުކޮށްފައި މިވަނީ ޓްރަމްޕް އަށް އެމެރިކާގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމުން ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މާކް މަގާމުން ދުރުކުރީ އެމެރިކާ އިން ދުނިޔޭގެ އެކި ހިސާބުތަކުގައި ގާއިމު ކޮށްފައިވާ އަސްކަރީ ބޭސްތަކުން ބައެއް ސިފައިން އެހެން ތަންތަނަށް ބަދަލު ކުރުމާއި މެދު ޚިޔާލު ތަފާތުވުން އުފެދިގެންނެވެ.

އުމުރުފުޅުން 56 އަހަރުގެ މާކް އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އެއީ އޭރު މަގާމުގައި ހުރި ޕެޓްރިކް ޝަނަހަން މަގާމުން އިސްތިއުފާ ދިނުމުންނެވެ.

މާކް ވަނީ ޑިފެންސް ސެކްރެޓަރީކަން ކުރެއްވުމުގެ ކުރިން 20 އަހަރަށްވުރެ ގިނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރައްވާފައެވެ. އަސްކަރިއްޔާ އިން ރިޓަޔާ ކުރެއްވުމަށްފަހު އޭނާ ދެން މަސައްކަތް ކުރެއްވީ ލޮބީ ގްރޫޕެއްގައެވެ.

މާކް އެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުރެ އެޅި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ހާއްސަކޮށް އެމެރިކާގެ މަނަވަރެއްގައި ކޮވިޑް-19 ފެތުރެން ފެށުމުން އެކަން ސަމާލުކަމަށް ގެނައި މަނަވަރުގެ ކެޕްޓަން އަސްކަރިއްޔާ އިން ވަކިކުރަން ނިންމި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ މާކް އަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙާލަތު

    ދެން ތިތަނަށްލާންވީ ޓްރަމްޕް އަންހެނުން... ނޫނީ މިކޮޅުގަ އެބަހުރި ޖާރިޔާ ދީދީ ވެސް

    10
    3