މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 ޖެހޭ ކޮންމެ ފަސް މީހަކުން އެކަކަށް ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ހިރާސް ބޮޑު ކަަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އިން ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވެ ފަރުވާ ހޯދާ ކޮންމެ ފަސް މީހަކުން އެކަކަށް ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ހިރާސް ވަރަށް ބޮޑެވެ.

މިއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ 20 އިންސައްތަ މީހުން ކަމަށާއި، ނަފްސާނީ ބަލިތަކާއި ކުރިމަތިލާން ޖެހުން ގާތީ ކޮވިޑް-19 ޖެހޭތާ ތިން މަހުގެ ތެރޭގައި ކަމަށްވެސް އެ ޔުނިވާސިޓީއިން ހެދި ދިރާސާއިން ދައްކައެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، ކޮވިޑް-19ގެ ސަބަބުން މިހާތަނަށް އެންމެ ގިނައިން ބަލިމީހުން ތަހައްމަލުކޮށްފައިވާ ނަފްސާނީ ބަލިތަކުގެ ތެރޭގައި ހިމެނެނީ ޑިޕްރެޝަން، އެންޒައިޓީ، އަދި އިންސޯމްނިއާ އެވެ. މި ނަފްސާނީ ބަލިމަޑުކަމުގެ ސަބަބުން ސިކުޑީގެ ހިނގުންވެސް ވަރަށް ބޮޑަށް ދަށްވާ ކަމަށް އެ ދިރާސާއިން ދައްކައެވެ.

"ވަރަށް ގިނަ ބަޔަކު ހާސްވޭ ކޮވިޑް-19 އިން ރަނގަޅުވުމަށް ފަހު ނަފްސާނީ ދުޅަހެޔޮކަން ގެއްލިގެން ދޭ. ކޮވިޑް ޖެހޭ މީހުންގެ ބޮޑު އިންސައްތައަކަށް ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑު" މި ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ އޮފް ސައިކޭޓްރީ ޕާލް ހެރިސަން މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.

ހެރިސަން އިތުރަށް ވިދާޅުވެފައި ވާ ގޮތުގައި ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ޑޮކްޓަރުންނާއި ސައިންސްވެރިން މި ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ބަލިތަކަށްވެސް ރަނގަޅު ފަރުވާތަކެއް އުފެއްދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު