ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން އިތުރު ތިން ގައުމަކަށް ފޮނުވައިފިއެވެ.
އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފެއްދި ވެކްސިން ފޮނުވާފައި ވަނީ މޮރިޝަސް، ސީޝެލްސް އަދި މިޔަންމާއަށެވެ. މީގެކުރިން މި ވެކްސިން ވަނީ ރާއްޖެއަށާއި ނޭޕާލްއަށާއި ބަންގްލަދޭޝްއަށާއި ބޫޓާނަށް ފޮނުވައިފައެވެ. އިންޑިއާ އިން ވެކްސިން ހަތް ގައުމަކަށް ފޮނުވީ، އެ ގައުމުން އަވަށްޓެރި ގައުމުތަކަށްދޭ ހާއްސަ އަހަންމިއްޔަތުކަމުގެ ދަށުންނެވެ. މި ވެކްސިން ސްރީ ލަންކާ އާއި އަފްގާނިސްތާނަށް ފޮނުވަން ވެސް ވަނީ ރާވައިފައެވެ.
- ރާއްޖެ އަށް 100،000 ޑޯޒްގެ ވެކްސިން
- ބޫޓާނަށް 150،000 ޑޯޒްގެ ވެކްސިން
- ބަންގްލަދޭޝް އަށް ދެ މިލިއަން ޑޯޒްގެ ވެކްސިން
- ނޭޕާލް އަށް އެއް މިލިއަން ޑޯޒްގެ ވެކްސިން
"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓުކުރާ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކޮވިޝީލްޑް ވެކްސިން އިތުރު ގައުމުތަކަށް ފޮނުވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ވެކްސިންގެ ދެ މިލިއަން ޑޯޒް ހިފައިގެން ދެ ފްލައިޓެއް ބްރެޒިލާއި މޮރޮކޯ އަށް ވަނީ ފުރައިފައެވެ.
ގިނަ އަދަދެއްގެ ބޭހުގެ ސާމާނު އުފައްދަމުން އަންނަ އިންޑިއާ އިން ދާދި ފަހުން ވަނީ ޕެރެސެޓޮމޯލް ޓެބްލެޓްގެ ބޮޑު ޝިޕްމަންޓުތަކެއް ބްރެޒިލް، އެމެރިކާ، އަދި ދެކުނު އެފްރިކާ އަށް ފޮނުވައިފައެވެ. އަދި 140 އަށް ވުރެ ގިނަ ގައުމަށް ބޭސް ވަނީ ފޮނުވައިފައެވެ.
އިންޑިއާގެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބްރެޒިލް އާއި މޮރޮކޯގެ އިތުރުން ދެކުނު އެފްރިކާ އާއި ސައުދީ އަރަބިއްޔާ އަށް ވެސް ކޮވިޝީލްޑް ވެކްސިން ފޮނުވުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
- މިޔަންމާއަށް 1.5 މިލިއަން ޑޯޒްގެ ވެކްސިން
- ސީޝެލްސްއަށް 50،000 ޑޯޒްގެ ވެކްސިން
- މޮރިޝަސް އަށް 150،000 ޑޯޒްގެ ވެކްސިން
- ބްރެޒިލް އަށް ދެ މިލިއަން ޑޯޒްގެ ވެކްސިން
- މޮރޮކޯ އަށް ދެ މިލިއަން ޑޯޒްގެ ވެކްސިން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދާދި ފަހުން ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި އެހީއަށް ބޭނުން ޖެހިފައި ތިބި މީހުންނަށް އެހީވާން އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އިންޑިއާ އިސް ކުރާނީ އިންސާނިއްޔަތު ކަން ކަމަށް މޯދީ ވިދާޅުވިއެވެ.
އިންޑިއާއަކީ ގިނަ އަދަދެއްގެ ބޭހާއި ވެކްސިން ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ސަޕްލައިކުރާ ގައުމެވެ. އަދި އިންޑިއާއަކީ އެކި ކަހަލަ ވެކްސިންތައް ވެސް މީގެކުރިން އުފައްދަމުން އައި ގައުމެކެވެ. ދުނިޔޭގައި އުފައްދާ ވެކްސިންގެ ދެ ބައިކުޅަ އެއްބައި އުފައްދަނީ އިންޑިއާގެ ކުންފުނިތަކުންނެވެ.
މިއަންމާ އަނެއްކާ ރޮހިންޔާ މުސްލިމްކޮޅު ..... ކަންބޮޑުވޭ
ރަންގަޅުކަމެއްވާނީ ރަނގަޅުކަމަކަށް..! ވެކްސިން ފޯރުކޮށްދިނުން ރަނގަޅު..!! އެކަމަކު ރައްކާތެރި އެއްޗަކަށްވާނަމަ...!!