އާންމުން ކުރި ޝަކުވާއަކާ ގުޅިގެން ސައުދީ އަރަބިއްޔާގައި ހުރި ޕާކިސްތާންގެ ސަފީރު ސަސްޕެންޑްކޮށްފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ އެމްބެސެޑަރު ރާޖާ އަލީ ރިޔާޒް އެނބުރި ޕާކިސްތާނަށް ވަޑައިގެންފައިވާ ކަމަށާއި އެމްބަސީގައި ތިބި ޕާކިސްތާނުގެ އިތުރު ހަ މުވައްޒަފުންގެ މައްސަލަ ވެސް ތަހުގީގް ކުރަމުންދާ ކަމަށެވެ.
އިސްލާމް އާބާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ގައުމުން ބޭރުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ މީހުންނަށް ގައުމުގެ ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްދޭނެ ކަމަށެވެ. އެ މީހުންނަކީ ސަރުކާރުގެ އެސެޓެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ.
ރަސްމީ ލިޔުންތަކަށް ބަލާއިރު 2.6 މިލިއަން ޕާކިސްތާނު މީހުން ސައުދީ އަރަބިއާގައި މަސައްކަތް ކުރަމުންދާއިރު، އެ މީހުންނަކީ ޕާކިސްތާނުގެ އިގްތިސާދު ދުޅަހެޔޮ ކުރުމުގައި ބޮޑު ރޯލެއް އަދާކުރާ ބަޔެކެވެ.
އޮފިޝަލުން ބުނެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރިޔާދުގައި މަސައްކަތް ކުރަމުންދިޔަ ޕާކިސްތާނު މީހުންގެ ޝަކުވާއަަކަށް ވެފައިވަނީ އެމްބަސީއިން އެމީހުންނާ ދޭތެރޭގައި ކަންތައް ކުރަމުންދިޔަ ގޮތެވެ. އެގޮތުން ފާހަގަ ކޮށްފައިވަނީ އެމްބަސީން ކޮށްދޭ ކަންތައްތަކުގެ ބަދަލުގައި މީހުންގެ އަތުން ފައިސާ ނަގާ ކަމުގެ ޝަކުވާއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ކުރިން ވިދާޅުވީ މި މައްސަލަ ތަހުގީގް ކުރުމަށް ވަކި ހާއްސަ ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށެވެ. އެމްބަސީއިން ޕާކިސްތާނުގެ މީހުންނަށް އެކަށީގެންވާ ވަރަށް ބަލާފައި ނުވާ ކަމަށާއި، ފަރުވާ ކުޑަކުރުމުގައި ޒިންމާވާ އެންމެންނަށް އެކަމުގެ އަދަބު ދޭނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
އެމްބެސެޑަރު އިޔާޒްގެ ބަދަލުގައި އެ މަގާމުގައި މިހާރު ހުންނެވީ ރިޓަޔާޑް ލިއުޓެނަންޓް ޖެނެރަލް ބިލާލް އަކްބަރެެވެ.
މިރާއްޖޭގެ ސަރުކާރުންވެސް މީ ކުރަންވެއްޖެ ކަމެއް. ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ ބައެއް އެއްބަސީތަކުންވެސް ދިވެހިންނަށް އަޅައެއް ނުލާ. ޚިދުމަތް ދިނުންވެސް އެހާ ފަރުވާކުޑަ.