ނައިޖީރިއާއިން ތުރުކީއާއި، ބްރެޒިލް އަދި އިންޑިއާއިން މީހުން ދަތުރުކުރުން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ތިން ގައުމުގައި ވެސް ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުންދާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެެވެ.

ނައިޖީރިއާގެ ޕާސްޕޯޓު ނޯންނަ، އެގައުމަށް ނިސްބަތް ނުވާ މީހުން ބްރެޒިލް، އިންޑިއާ އަދި ތުރުކީއަށް ދަތުރުކުރުމަށް ފަހު ނައިޖީރިއާއަށް އަންނަން ޖެހޭނީ 14 ދުވަސް ފަހުން ކަމަށް ނައިޖީރިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ނައިޖީރިއާ ސަރުކާރުން ކޮވިޑާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ތިން ގައުމުން ނައިޖީރިއާއަށް ދަތުރުކުރުން މަނާވެގެން ދާނީ މި މަހު ހަތަރުވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ނައިޖީރިއާއިން ހޮނިހިރު ދުވަހު 43 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، އެގައުމުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމުލަ އަދަދު ވަނީ 165,153 އަށް އަރާފައެވެ. މިހާތަނަށް ނައިޖީރިއާއިން ކޮވިޑުގައި މަރުވި ކަމަށް ރިޕޯޓު ކޮށްފައިވަނީ 2,063 މީހުންނެވެ.

އިންޑިއާގެ ހޮސްޕިޓަލު ތަކާއި، ސަހަރާތައް ފުރި ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާ ސާމާނު ތަކުގެ ދަތިކަން އިންތިހާއަށް ބޮޑެވެ. 10 ދުވަހަށް ވުރެ ގިނަ ދިވަސް ވަންދެން ތިން ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް އިންޑިއާއިން ރިިޕޯޓު ކޮށްފައިވެއެވެ.

ބްރެޒިލްއިން މޭ މަހުގެ އެއްވަނަ ދުވަހު ވެސް 66،964 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. އޭގެ އިތުރުން ދެން ނައިޖީރިއާއަށް ދަތުރުކުރުން މަނާ ގައުމަކަށް ކަނޑައެޅިފައިވާ ތުރުކީއިން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސި ވަމުން ދާތީ، މުޅި ގައުމު ވަނީ ފުރަބަންދު ކޮށްފައެވެ.

ނައިޖީރިއާގެ އިތުރުން މެދުއިރުމަތީގެ ގައުމުތަކުން ވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ.