އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ވެކްސިންގެ ތެރެއިން 60 މިލިއަން ޑޯޒްގެ ވެކްސިން ބޭނުންނުކޮށް އުކާލަން އެމެރިކާގެ އެފްޑީއޭ އިން އަންގައިފިއެވެ. އުކާލަން އަންގާފައި ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިނެވެ.
އޭޕީ ނޫސް އެޖެންސީ ރިޕޯޓް ކުރާ ގޮތުގައި އެފްޑީއޭ އިން ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިންތަކެއް ނައްތާލަން އެންގީ އެކުންފުނީގެ ވެކްސިން އުފައްދާ ކާރުހާނާއެއް ކަމަށްވާ އެމާޖެންޓް ބައޯސޮލިއުޝަންގެ ސަލާމަތާއި ރައްކާތެރިކަން ބެލުމަށް ކުރިއަށް ގެންދިޔަ އިނިޕެކްޝަންގެ ނަތީޖާއަށް ބެލުމަށް ފަހުއެވެ.
އެކާރުހާނާގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އައީ އެންމެ އެކަށީގެންވާ ގޮތައް ޓްރޭނިން ވެފައިތިބި މީހުން ނޫންކަމަށް އޭޕްރީލް މަހު އެފްޑީއޭ އިން ބުންޏެވެ.
މައްސަލަތައް ހުރި ކާރުހާނާގައި އުފެއްދި 60 މިލިއަން ޑޯޒްގެ ވެކްސިން އުކާލަން އެންގި ނަމަވެސް ހަމައެކާރުހާނާގައި އުފައްދާފައިވާ ދިހަ މިލިއަން ޑޯޒްގެ ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ހުއްދަ ވެސް އެފްޑީއޭ އިން ވަނީ ދީފައެވެ.
މިމައްސަލައިގައި އާއްމުކޮށް ވާހަކަދައްކަން އެފްޑީއޭ އިން ވެސް އަދި ޖޯންސަން އެންޑް ޖޯންސަން އިން ވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ވެކްސިންތަކެއް އުކާލަން ޖޯންސަން އެންޑް ޖޯންސަން އަށް އެންގިކަން ކަށަވަރު ކޮށްދީފައެވެ. އުކާލަން އެންގީ ކިހައި އަދަދެއްގެ ވެކްސިނެއް ކަމެއް އެފްޑީއޭގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑް-19 އިން ދިފާއުވުމަށް އުފެއްދި ވެކްސިން ދިން ބައެއް މީހުންގެ ލޭ ގަަނޑުވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭޕްރީލް މަހު ވެކްސިން ދިނުން އެފްޑީއޭ އިން މަނާ ވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ވެކްސިން ދިނުމުގެ ހުއްދަ އަލުން ދީފައެވެ.
ޖޯންސަން އެންޑް ޖޯންސަން އިން އުފައްދާފައިވާ ވެކްސިނަކީ އެއްޑޯޒް ދިނުމުން ކޮވިޑުން ދިފާއުވެވޭ ވެކްސިނެކެވެ. އެހެންކަމުން މިވެކްސިން ވީއެންމެ އަވަހަކަށް އާއްމުންނަށް ދެވޭވަރު ވުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ މަސައްކަތައް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
މިއެއްް ނޫންތަ ރާއްޖެއިން އޯޑަރ ކުރީ؟
އަހަ ރެމެންގެގަޔަށްވެސް މިވެކްސިންތޯޖަހާނީ؟