އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެއިން ނުކުތުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަފުތަލީ ބެނެޓް އަންގައިފިއެވެ.

އުމުރުން 71 އަހަރުގެ ނަތަންޔާހޫއަށް އިސްރާއީލްގެ ބޮޑުވަޒީރު ވަނީ ދެ ހަފްތާ ތެރޭގައި ބޮޑުވަޒީރަށް ހާއްސަ ގެކޮޅުން ނުކުތުމަށް އަންގައިފައެވެ. މި ގެކޮޅު ހުންނަނީ ގުދުސްގައެވެ. ނަތަންޔާހޫ އާއި އޭނާގެ އާއިލާ މި ގޭގައި ދިރިއުޅޭތާ މިހާރު 12 އަހަރު ވެދާނެއެވެ.

ނަތަންޔާހޫގެ އަނިޔާވެރި ވެރިކަން ނިމިފައި ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އާ ސަރުކާރެއް އެކުލަވާލުމަށް ނެގި ވޯޓުގައި ކޯލިޝަން ޕާޓީއަށް ގިނަ ވޯޓު ލިބި އެ ޕާޓީން އިންތިހާބު ކާމިޔާބު ކުރުމާ ގުޅިގެންނެވެ.

ނަތަންޔާހޫ އިސްރާއީލްގެ ބޮޑުވަޒީރުކަމާ ފުރަތަމަ ހަވާލުވީ 1996 ވަނަ އަހަރުއެވެ. އޭނާ އަކީ އެ ގައުމުގެ ނުވަ ވަނަ ބޮޑުވަޒީރެވެ. ފުރަތަމަ ދައުރުގައި 1999 ވަނަ އަހަރާއި ހަމައަށް ބޮޑުވަޒީރުކަންކޮށް 2009 ވަނަ އަހަރުން 2021 ވަނަ އަހަރަށް އޭނާ ވަނީ އަލުން ބޮޑުވަޒީރުކަން ކޮށްފައެވެ.

ނަތަންޔާހޫގެ ބޮޑުވަޒީރުކަމުގެ ދައުރުގައި އޭނާގެ އަނިޔާވެރިކަން ހައްދުފަހަނަޅައަޅައި ދިޔައިރު އޭނާ އަށް ވަނީ ގިނަބައެއްގެ ފާޑުކިޔުންތައްވެސް މިކަމުގެ ސަބަބުން އަމާޒު ވެފައެވެ.

އިޒްރޭލުގެ ވެރިކަން ބަދަލުވިކަމުގައި ވިޔަސް އެ ގައުމުގެ އަނިޔާވެރި ސިޔާސަތުތަކަށް މާބޮޑު ބަދަލެއް އަތުވެދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ. ހާއްސަކޮށް ބޮޑުވަޒީރު ބެނެޓް އަކީ ފަލަސްތީންގެ ރައްޔިތުންނާއި މެެދު އާދަޔާއި ހިލާފު އަނިޔާވެރި ސިޔާސަތެއް ގެންގުޅެން ތާއިދުކުރާ މީހަކަށް ވުމުން ފަލަސްތީންގެ މައްސަލައަށް ހައްލެއް އަތުވެދާނެ އެއްވެސް ކަމެއް އޭނާގެ ވެރިކަމުގައި ކުރިއަށް ހިނގައިދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސެންޗޯ

    ތިކަލޭގެ ދަންޖައްސާ މަރާ

    15
  2. ކެތްތެރިކަން

    ކެތްތެރިވޭ އިރާދަކުރެއްވިއްޔާ ދެން ވަރަށް އަވަހަށް ރަގަނޅުވާނެ...އީރާންގެ ރައީސްއަކަށް ވަރުގަދަ އިބްރާހިމް ރައީސީ އައިސްފި..ހުޅަނގު އަދި އެމަރިކާ އޮތީ ސިހިސިހި...ރައީސީ އާއި ޙަސަން ރޫޙާނީ ވަރަށް ބޮޑަށް ތަފާތުވާނެ...

    10
    1