ކޮވެކްސްއިން ޗައިނާގެ ދެ ކުންފުންޏަކާއެކު ބައި ބިލިއަނަށް ވުރެ ގިނައިން ވެކްސިން ގަތުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

ގްލޯބަލް އެލައިންސް އޮފް ވެކްސިނޭޝަން އެންޑް އިމިއުނިޒޭޝަން (ޖީއޭވީއައި) އިން ހޯމަ ދުވަހު މިކަން އިއުލާންކޮށް ބުނީ ކޮވެކްސް މަޝްރޫއިން ހަމަޖައްސާފައިވާ ވެކްސިން ޝިޕްމެންޓް އަންނަ އަހަރު ދެބައިވުމުގެ ކުރިން ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ގޮތުން ޗައިނާގެ ވެކްސިން އުފައްދާ ދެ ކުންފުނި ކަމަށްވާ ސިނޮފާމް އާއި ސިނޯވެކްސްއިން 110 މިލިއަން ޑޯޒްގެ ވެކްސިން ލިބޭނެގޮތް ހަމަޖައްސައިދޭނެއެވެ.

ކޮވެކްސް މަޝްރޫއަކީ ފަގީރު ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން މަސައްކަތް ކުރަމުން އަންނަ ބައެކެވެ. ކޮވެކްސް މަޝްރޫއިން ޗައިނާގެ ދެ ކުންފުންޏާއެކު ވެކްސިންގެ އެއްބަސްވުން އެކުލާވާލީ އިންޑިއާއިން އެންމެ ފުރަތަމަ ވޭދަނަތައް ފެނިގެންދިޔަ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖީއޭވީއައިއިން ބުނީ އެމީހުންނަށް 170 ޑޯޒް ސިނޮފާމްގެ ވެކްސިނާއި 380 މިލިއަން ސިނޯވެކް ވެކްސިން ލިބެން ހުރި ކަމަށެވެ. ޗައިނާގެ ވެކްސިންތަކަކީ ދުުނިޔޭގެ ހުރިހާ ގައުމެއްގައި ބޭނުންކުރާ އުފެއްދުމަކަށް ހެދުމަށް އެގައުމުގެ ރައީސް ޒީ ޖިންގްޕިންގް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިހާރު ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކަށް މިލިއަން ޑޯޒް ވެކްސިން ފޮނުވާފައެވެ.

ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ސިނޯވެކްއިން ވަނީ އެއް ބިލިއަނަށް ވުރެ ގިނަ ޑޯޒް ވެކްސިން ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާފައެވެ. ސިނޯވެކްގެ މިޝަން އަކަށް ވެފައިވަނީ ބަލިމަޑުކަމުން އަރައިގަތުމުގެ ގޮތުން އެންމެންނަށް ވެސް ވެކްސިން ފޯރުކޮށްދިނުމެވެ.

ސިނޯފާމް އާއި ސިނޯވެކް ވެކްސިނަށް ވަނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް ހުއްދަ ދީފައެވެ.

 

ކިޔުންތެރިންގެ ހިޔާލު