އިންޑަނޭޝިޔާއިން 4.8 މިލިއަން ޑޮލަރު ހަރަދުކޮށް "ޖުރޭސިކް ޕާކް" އެއް ހަދަން ތައްޔާރުވެއްޖެ އެވެ.

އިންޑަނޭޝިޔާގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ޖުރޭސިކް ޕާކެއް ހަދަމުން ދަނީ ޔުނައިޑެޓް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް، ކަލްޗަރަލް އޮގަނައިޒޭޝަން (ޔުނެސްކޯ) ގެ އެންގުމާއި ހިލާފަށެވެ.

ޔުނެސްކޯއިން އަންގާފައިވާގޮތުން އިންޑަނޭޝިޔާގައި ޖުރޭސިކް ޕާކެއް ހެދުމުން ތިމާވެއްޓަށް ނުރައްކާތެރި އެތައް ކަމަކާއި ކުރިމަތިވެއެވެ. އެގޮތުން ކޮމޮޑޯ ޑްރަގަންގެ ނަސްލު ނެތުމަށް ހުޅުވިގެންދާނެ ބިރަކަށް މި ޕާކު ވެގެންދާނެ އިރު ޕާކުގެ ސަބަބުން ޕާކު ހަދާ ސަރަހައްގެ އިގްތިސާދަށް ހީނަރުކަމެއްވެސް އަތުވެދާނެ ކަމަށް ބެލެވެއެވެ.

އަލަށް ހަދާ މި ޕާކުގައި ތަފާތު އެތަކެއް ޖަނަވާރުތައް ބަހައްޓަން ހަމަޖެހިފައިވާއިރު އޭގެތެރޭގައި ވިހަގަދަ ކޮމޯޑޯ ޑްރެގެން ވެސް ބަހައްޓަން ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ކޮމޯޑޯ ޑްރެގެން އެކަތި އަނެކައްޗާއި ތަޅައިގަންނަ މަންޒަރު ކައިރިން ބަލާލުމުގެ ފުރުސަތުވެސް މި ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ އެވެ.

ޖުރޭސިކް ޕާކް ހެދުމަށް ހަމަޖެހިފައި ވަނީ އިންޑަނޭޝިޔާގެ ރިކާ އައިލެންޑުގައި އެވެ. އިންޑަނޭޝިޔާގެ ތިމާވެއްޓާއި ބެހޭ ވުޒާރާގެ ސީނިޔާ އޮފިޝަލަކު ބޭރުގެ މީޑިޔާ އަކަށް މައުލޫމާތު ދެމުން ބުނީ މި ޕްރޮޖެކްޓު ފެށުމުގެ މަސައްކަތް ފެށިފައިވާކަމަށާއި މި ޕްރޮޖެކްޓުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

ޔުނެސްކޯގެ އޮފިޝަލުން މީޑިޔާއަށް މައުލޫމާތު ދެމުން ވިދާޅުވީ ޕާކު ހެދުމާ ގުޅޭ އެސެސްމެންޓް ހެދުމަށް އިންޑަނޭޝިޔާ ސަރުކާރުގައި އެދިފައިވާ ކަމަށާއި ނަމަވެސް އެޤައުމުގެ ސަރުކާރުން އެކަމަށް އެއްވެސް އެއްބާރުލުމެއް ދީފައިނުވާކަމަށެވެ.

އިންޑަނޭޝިޔާގައި މިހާރު ކޮމޮޑޯ ޑްރެގަން ތިބި ޢަދަދަކީ 3،100 އެވެ. އެޤައުމުގެ ސަރުކާރުގެ ތަފާތު ހިސާބުތަކުން މި ޢަދަދަށް އެޤައުމުގައި ޑްރެގަން ތިބި ކަމަށް ދައްކާއިރު މި ތަކެތި ބޮޑުވެ 10 ފޫޓަށް ދިގުވެއެވެ. މިއީ ވިހަގަދަ އެއްޗަކަށްވާއިރު ބައެއް ފަހަރު އިންސާނުންނަށްވެސް މީގެ ނުރައްކާތެރިކަން ފޯރައެވެ.