ޔަމަނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެމެރިކާއިން އެޤައުމަށް 165 މިލިއަން ޑޮލަރު ދޭން ނިންމައިފި އެވެ.

ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ދޭ މި އެހީ ބޭނުންކުރަން ހަމަޖެހިފައި ވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކެއުމަށާއި ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.

އދ.ގެ އޮފިޝަލުން ވިދާޅުވެފައިވާގޮތުގައި މި އަހަރު ޔަމަނަށް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ނުލިބިއްޖެނަމަ ބަނޑުހައިހޫނުކަން އިންތިހާއަށް ކުރިމަތިވެގެންދާނެއެވެ.

އެމެރިކާގެ އެހީތެރިކަން ޔަމަނަށް ލިބިގެންދާނީ ޔަމަނުގައި ގާއިމްކޮށްފައިވާ ޔުނައިޓެޑް ސްޓޭޓް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށެވެ. މި އެޖެންސީގެ އެހީދިނުން ފާއިތުވި އަހަރެއްހާ ދުވަހު މެދުކަނޑާލާފައިވަނީ މިއީ ހަނގުރާމަވެރި ޖަމާއަތަށް އެހީތެރިވެދޭ ޖަމާއަތެއް ކަމަށް ތުހުމަތު ކުރެވިގެން ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައުދީ އާއި ގުޅިގެން ޔަމަނުގައި ކުރިޔަށް ގެންދާ އޮޕަރޭޝަން ހުއްޓާލަން ނިންމާފަ އެވެ. އަދި ޔަމަނުގައި އުފެދިފައިވާ ދެބަސްވުންތަކަށް ސިޔާސީގޮތުން ހައްލެއް ހޯއްދަވައިދެއްވުމަށް ޖޯބައިޑެން ވަނީ މަސައްކަތް ފައްޓަވާފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔަމަނުގެ ރައްޔިތުން އަމިއްލައަށް އެޤައުމުގެ ކުރިމަގު ބިނާކުރުމަށް އެހީތެރިކަން ހޯދައިދިނުމަށް ކަމަށެވެ.

ޔަމަނުގައި ބޭރުގެ އަސްކަރީ ބާރުތަކުން ހަރަކާތްތެރިވާން ފަށާފައި ވަނީ 2015 ވަނަ އަހަރު ސައުދި އަރަބިޔާ އިން އިސްނަގައިގެން ހިންގާ މިލިޓަރީ އޮޕަރޭޝަން ފެށި ހިސާބުންނެވެ. ސައުދީ އިން ދަނީ ޔަމަނުގައި ތިބި ހޫތީންގެ ބާރު ކަނޑުވާލަން އެކި ނަންނަމުގައި ބާރުގެ ބޭނުން ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައި ޔަމުނުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައި 233،000 އަށްވުރެ ގިނަ ޔަމަންގެ ރައްޔިތުން ވަނީ މަރުވެފަ އެވެ. އަދި އެޤައުމު އިންސާނީ ބޮޑު ކާރިސާއަކާއި ކުރިމަތިލާން ވަނީ ޖެހިފަ އެވެ.