ޖަރުމަނުވިލާތުގައި ހިލޭ ކޮވިޑް-19އަށް ޓެސްޓް ކޮށްދިނުން ނިމުމަކަށް ގެނައުމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ނިންމައިފިއެވެ.

ޖަރުމަނުވިލާތުގައި ޖިމަށާއި، މިއުޒިއަމް އަދި ރެސްޓޯރެންޓް ފަދަ ތަންތަނަށް ދާނަމަ ކޮވިޑް ޓެސްޓުކޮށް ނައްސި ނަތީޖާއެއް ދައްކަން ޖެހެއެވެ. ނަމަވެސް، ކޮވިޑް ވައިރަހުން ދިފާއުވުމަށް ވެކްްސިން ޖަހާފައިވާނަމަ ނުވަތަ ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ކޮވިޑަށް ފައްސިވެ ބަލިން ރަނގަޅުވެފައިވާނަމަ ނައްސި ނަތީޖާގެ ބަދަލުގައި ލިއެކިޔުމުން އެކަން ހާމަކުރުމުން އެ ބަލައިގަނެއެވެ.

ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ދެނެގަތުމަށް މީގެ ކުރިން ހިލޭ ކޮވިޑަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވީ ކަމުގައި ވިޔަސް، ހެލްތް މިނިސްޓްރީގެ އޮފިޝަލުން ދުރު ވިސްނައި އެކުލަވާލައިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ފެށުމުން ކޮވިޑް ޓެސްޓް ކުރުމަށް ފައިސާތަކެއް ހަރަދުކުރަން ޖެހިދާނެއެވެ.

ކޮވިޑް-19ގެ ނުރައްކާތެރި ތިންވަނަ ރާޅަކާއި ކުރިމަތިލާން ޖެހުމުން ޖަރުމަންވިލާތުގެ ގިނަ ސަރަހައްދުތައްވަނީ މިދިޔަ މާރޗް މަހުގެ ތެރޭގައި ފުރަބަންދުކޮށްފައެވެ. އަދި އާންމުންނަށް ހިލޭ ކޮވިޑް އަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ޖަރުމަންވިލާތުގައި ހަމަޖައްސާފައިވެއެވެ. ނަމަވެސް 83 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޖަރުމަންވިލާތުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންގެ ނިސްބަތް 55 އިންސައްތައަށްވުރެ އިތުރުވުމުން ހިލޭ ކޮވިޑަށް ޓެސްޓުކުރުން ހުއްޓާލުމަށް އެ ގައުމުގެ އާންމުން ގޮވާލައި އަޑުތައްވަނީ ގަދަވެފައެވެ. އެގޮތުން ވެކްސިން ނުޖަހައި ނުވަތަ ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންދާ މީހުންނަށް ޓެކްސް ފައިސާއިން ހަރުދުކޮށްގެން ހިލޭ ކޮވިޑް އަށް ޓެސްޓު ކޮށްދިނުމަކީ އެގައުމުގެ ރައްޔިތުން ރުހޭ ކަމެއް ނޫނެވެ.

ޖަރުމަނުވިލާތުގައި މިހާތަނަށް 3.8 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި ބަލީގައި 91,810 މީހުންވަނީ މަރުވެފައެވެ.