ކޮވިޑް-19 ޖެހިގެން ލަންކާއިން މިއަދު 118 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.

ލަންކާގައި މި ބަލި ފެތުރެން ފެށިއިރު، ގިނަބަޔަަކަށް ބަލި ޖެހުނުނަމަވެސް، އެ ބަލި ކޮންޓްރޯލް ކުރި އެއް ގައުމެވެ. އެހެން ނަމަވެސް އެ ގައުމުގައި މިހާރު ހައްދުން ނައްޓާވަރަށް ބަލި ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ އަދަދުތައްވެސް ދަނީ ރެކޯޑް އަދަދަކަށް މައްޗަށް ދަމުންނެވެ. އެގޮތުން މިއަދު މިއީ އަނެއްކާވެސް އެފަދަ ރެކޯޑެއް ހެދި ދުވަހެކެވެ.

މިއަދަކީ މިފަހަކުން ލަންކާގައި ކޮވިޑްގައި މިހާތަނަށް އެންމެ ގިނަބަޔަކު މަރުވި ދުވަހެވެ. މީގެ ކުރިން މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެ ގައުމުގައި ކޮވިޑްގައި 124 މީހަކު މަރުވިއެވެ.

މި މަސް ފެށުނު ފަހުން ލަންކާގައި ކޮވިޑްގައި މަރުވާ މީހުންގެ އަދަދުތައް ދިޔައީ މައްޗަށެވެ.

މިއާއެކު އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދުތައް ވަނީ 5،340 އަށް އަރާފައެވެ.

މިއަދު އެ ގައުމުން 118 މީހަކު މަރުވިއިރު، ފައްސިވެފައި ވަނީ 3،223 މީހެކެވެ. މީގެ ތެރޭގައި ކުރިން ފައްސިވެގެން ރިޕޯޓް ނުކުރެވި ތިބި މީހުން ހިިމެނެއެވެ.

އެ ގައުމުގައިވެސް މިހާރު ފެތުރެމުންދަނީ މިހާރު ގިނަ ގައުމުތަކުގައި ބިރުވެރިކަން ވެރިފައިވާ ކޮވިޑްގެ ޑެލްޓާ ވޭރިއެންޓެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޗަންނާ ޖަޔަސުމަނާ ވިދާޅުވީ، ޑެލްޓާ ވޭރިއެންޓަކީ ކޮރޯނާ ވައިރަސްގެ ބޮމެެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ވޭރިއެންޓް ބޮން، އެމެރިކާ، ލަންޑަން، އިންގްލޭންޑް، އިންޑޮނޭޝިއާއާ ހަމައިން އައިސް، މިހާރު ލަންކާއަށް އަރާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް 2-3 ހަފްތާ ވަރަށް ނުރައްކާ، އަހަރުމެން ޖެހޭނީ ހާލަތާއި ކުރިމަތިލާން".

އޭނާ ވިދާޅުވީ،އާ ވޭރިއެންޓް ފެތުރުން ހުއްޓުވޭނީ ތެދު ހަދައިގެން އެކަންކަން ރައްޔިތުން ހޭލުންތެރިކޮށްގެން ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންވެސް މުހިންމު ކަމަށް ވިދާޅުވިއެވެ.

އެ ގައުމަށް އަނެއްކާވެސް އެރި ކޮވިޑްގެ އާ ރާޅާއެކު ސިއްހީ ހިދުމަތްދޭ ތަންތަނަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ހޮސްޕިޓަލްގައި ކޮވިޑް ޔުނިޓްތައް ގާއިމްކޮށް، ސްޕެޝަލިސްޓުންނަށް ހާއްސަ ޔުނިޓްތައް ކޮވިޑަށް ފަރުވާ ކުރާ ބަލި މީހުންނަށް ވަނީ ހާއްސަކޮށްފައެވެ. އަދި ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ވަނީ ހަމަޖައްސާފައެވެ.

ލަންކާގައި މިހާތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ، ތިންލައްކައަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު