އޯޝަނިއާގެ ގައުމެއް ކަމަށްވާ ވަނުއަޓޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އެގައުމަށް އައިސްފައިވަނީ 91 ކިލޯ މީޓަރު ބިމު އަޑިން 6.8 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށް އެމެރިކާގެ ގިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ވަނީ ބުނެފައެވެ.

ޕޯޓް އޮލްރީ ކައިރިއަށް އައި މި ބިންހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރު ވެސް އެމެރިކާ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ދީފައެވެ. ބިންހެލުން 6.8 މެގްނިޓިއުޑް ބާރުމިނުގައި އައި ނަމަވެސް، ފަހުން ޔޫއެސްޖީއެސް އިން ވަނީ އެއީ 7.1 ބާރުމިނުގައި އައިސްފައިވާ ބިންހެލުމެއް ކަމަށް ބުނެފައެވެ.

އަދި ބިންހެލުން އައިސްފައިވަނީ 83.3 ކިލޯ މީޓަރު އަޑިން ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕެސިފިކް ސުނާމީ ސެންޓަރުން ބުނެފައިވަނީ ނުރައްކާތެރި ރާޅުތައް ބިންހެލުން އައި ސަރަހައްދާއި 300 ކިލޯ މީޓަރު ސަރަހައްދުގައި ހުރި ތަންތަނަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން އެގައުމަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ސާފުވެފައެއް ނުވެއެވެ.