އަންނަ އެޕްރީލް މަހުގެ ނިޔަލަށް ނޭޕާލުގެ 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުމަށް ތައްޔާރުވެއްޖެއެވެ.

އެގައުމުގެ ހެލްތް މިނިސްޓަރ ބިރޮޑް ޚަތީވާދާ ވިދާޅުވީ އެގައުމުގެ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހުމަށް ބޭނުންވާ ވެކްސިން ޑޯސްތައް ހޯދުމުގެ މަސައްކަތް ފަށައިފައިވާކަމަށެެވެ. އަދި ހިމާލަޔާ ސްޓޭޓުގެ ދުރު ފަރުބަދަމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްވެސް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އިއްޔެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މަސައްކަތްތެރިން ލައްވައި ވެކްސިން ސެންޓަރުތައް ހަދައި، އަމާޒަށް ވާސިލުވުމަށް ޓަކައި ވެކްސިން ސެންޓަރުތައް ގާއިމް ކުރާނެ ކަމަށެވެ.

"އަހަރެމެެންގެ އަމާޒަަށް ވާސިލްވާނެ. އެއަށްވުރެ އިތުރަށް ވެސް ވެކްސިން ދެވޭނެ ކަމަށް ލަފާކުރެވޭ. އެއީ މިހާރުވެސް ދަނީ އެކަށީގެންވާ ވަރަށް ވެކްސިން ލިބެމުން" މިނިސްޓަރ ބިރޮޑް ވިދާޅުވިއެވެ.

އިތުރު ސިއްހީ ހިދުމަތްތެރިން މަސައްކަތްތަށް ނެރޭނެ ކަމަށާއި، 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި އާ ވެކްސިން ސެންޓަރުތަކެއް ހަދައިގެން މަސައްކަތް ކުރާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހެލްތް މިނިސްޓްރީގެ ރިކޯޑުތަކަށް ބަލާއިރު، މިހާރުވެސް 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 44 އިންސައްތަ މީހުން މަދުވެގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަަހާފައިވާ ކަމަށް ދައްކައެވެ. އަދި 37.5 ޕަސެންޓް މީހުން ވެކްސިންގެ ދެޑޯޒް ޖަހައި، ފުރިހަމަ ކޮށްފައިވާ ކަމަށް ދައްކައެވެ.

ނޭޕާލްގެ 30 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް 72 ޕަސެންޓް ހިއްސާކުރަނީ 18 އަހަރުން މަތީގެ މީހުންނެވެ. މިހާތަނަށް ވެކްސިން ދީފައިވަނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް، އިތުުރު ޑޯޒްތައް ލިބެން ފެށުމުން 12 އާއި 17 އާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.