އިންޑޮނޭޝިއާއަށް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 6.1 މެގްނިޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ޕަޕުއާ ބަރާޓްއަށެވެ. މި ބިންހެލުން އައިސްފައިވަނީ ރޭ 12 ޖަހާކަންހާއިރުއެވެ.

އެގައުމުގެ މީޓިއޮރޮލޮޖީ އެންޑް ޖިއޯފިޒިކްސް އޭޖެންސީން ބުނީ ބިންހެލުން އައިސްފައިވީ ނަމަވެސް، ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތް ކަމަށެވެ. އެ އިދާރާއިން ބުނީ މި ބިންހެލުން އައިސްފައިވަނީ ކައިމާނާ ޑިސްޓްރިކްޓްގެ 115 ކިލޯމީޓަރު ދުރުން، 14 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން އެއްވެސް ހިސާބަކަށް ގެއްލުންވި ކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ބާލީއަށް މިދިޔަ މަހުގެ 16 ވަނަ ދުވަހު ވެސް ބިންހެލުމެއް އައިސްފައިވެއެވެ. އެދުވަހު ފަތިހުގެ ވަގުތެއްގައި އައި ބިންހެލުމުގެ ސަބަބުން ތިން މީހުން މަރުވެ، އިތުރު ހަތް މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާގޮތުން މި ބިންހެލުން އައިސްފައިވަނީ 4.8 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

ބަންޖަރް ވަނަސަރީ އަވަށުގެ އިރުއުތުރުން އޮންނަ ބާލީއަށް 4.8 މެގްނިޓިއުޑް ބާރު މިނުގައި ބިންހެލުން އައީ 10 ކިލޯމީޓަރު އަޑިންނެވެ. ބިމުގެ މާ އަޑި ނޫން ހިސާބަކުން އަންނަ ބިންހެލުންތަކުގައި ލިބޭ ގެއްލުން އާއްމުކޮށް ބޮޑެވެ.

މީގެ ތިން ހަފްތާކުރިން އައި މި ބިންހެލުމުގެ ހާދިސާގައި ހަރަކާތްތެރިވި ރެސްކިއު ޓީމުގެ އޮފިޝަލުން ބުނީ ބަންގްލީ ރެޖެންސީގައި ބިންހެލުން އައުމާއެކު ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ގެޔަކަށް ފަސް އެޅި ދެ މީހުން މަރުވި ކަމަށެވެ. ތިން ވަނަ މީހާ މަރުވީ ކަރަންގަސެމް ޕޯޓް އަވަށުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.