އަދި މިހާތަނަށް އެޗްއައިވީ އިން ރަނގަޅު ވާނެ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް އެޗްއައިވީ ޖެހުނު އާޖެންޓީނާގެ އަންހެނެއްގެ ހަށިގަނޑުން އެޗްއައިވީ ވައިރަސް ނެތިގެން ގޮސް އޭނާ އެބަލިން އެއްކޮށް ރަނގަޅު ވެއްޖެއެވެ.

މިއީ މިހާތަނަށް އެޗްއައިވީ އިން ރަނގަޅު ވިކަމަށް ޑޮކިއުމެންޓް ކުރެވުނު ދެވަނަ މީހާ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 2013 ވަނަ އަހަރު އެޗްއައިވީ ޖެހުނު އަންހެން މީހާ ބަލިން ރަނގަޅުވީ އޭނާގެ ދިފާއީ ނިޒާމް ބައްޔާއި ދެކޮޅަށް މަސައްކަތް ކޮށް، ހަށިގަނޑުން ވައިރަސް ނައްތާލުމުންނެވެ.

އޭނާ އަކީ އެޗްއައިވީ ބަލި ތަހައްމަލް ކޮށްފައި ވުމުން އޭނާ އަކީ ކާކުކަން އެނގޭނެ ފަދަ މައުލޫމާތެއް މީޑިއާތަކުން ހާމައެއް ނުކުރެއެވެ. އޭނާ އީމެއިލް މެދުވެރިކޮށް އެމެރިކާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެޗްއައިވީ ޖެހުނު ފަހުން ވެސް އޭނާ އިތުރު ބޭސްތަކެއް ބޭނުން ކުރަމުން ނުދާ ކަމަށާއި ނަމަވެސް އެންމެ ފަހުގެ ޓެސްޓްތަކުން އޭނާގެ ހަށިގަނޑުގައި މިހާރު އެޗްއައިވީ ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި ބޭހެއް ނުދެނީސް އޭނާ އެޗްއައިވީ އިން ރަނގަޅުވީ ދިފާއީ ނިޒާމް އެޗްއައިވީ ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރުމުންނެވެ. އޭނާގެ ދިފާއީ ނިޒާމް އެޗްއައިވީ ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކޮށްފައި ވާތީ ސައިންސްވެރިން މިހާރު ދަނީ އޭނާގެ ލޭގެ ޓެސްޓްތައް ހަދައި އިތުރު ދިރާސާތައް ކުރަމުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިއީ މިހާރު ވެސް އެޗްއައިވީގެ ވޭން ތަހައްމަލް ކުރަމުން ގެންދާ 38 މިލިއަން މީހުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުއްމީދެކެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިން ބުނާ ގޮތުގައި އެޗްއައިވީ ވައިރަސް އާއި ދެކޮޅަށް ބޭނުން ކުރެވިދާނެ ދެފަރުވާއެއް އާޖެންޓީނާގެ ބަލި މީހާގެ ދިރާސާތަކުން ވަނީ އިތުރަށް އެނގިގެން ގޮސްފައެވެ. އެއީ "ކިކް އެންޑް ކިލް" ނުވަތަ ހަށިގަނޑުން ވައިރަސް ބޭރު ކޮށްލުމާއި "ބްލޮކް އެންޑް ލޮކް" ނުވަތަ ސެލްގެ ތެރޭގައި އެޗްއައިވީ ވައިރަސް ބަންދު ކޮށްލުމެވެ. އެޗްއައިވީ އިން ރަނގަޅުވި މީހާގެ ސަބަބުން އެޗްއައިވީ އާއި ދެކޮޅަށް ޖީން ފަރުވާއެއް ދެވުމުގެ އުއްމީދު ވެސް ވަނީ އާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މީ މުންކޮ

    ތީ މައްސަލައަކީ ތީކީދިފާއީ ނިޒާމު ރަނގަޅު ވެގެންވާކަމެއް ނޫން ތީ ﷲ ގެ ރަހުމަތް

    48
    4
    • ގާރލް7

      މާތްﷲ ގެ ހެޔޮރަޙްމަތްފުޅުން އޭނާގެ ދިފާޢީ ނިޒާމަށް ފަރުވާލިބި ކުރީގައި އޭނާ ހުރި ހެޔޮ ހާލަތަށް ދިއުމަށް އެކަލާނގެ އިރާދަކުރެއްވީ.

      48
      1
  2. ސަމްވަން

    ހަމަ ދިފާއީ ނިޒާމް ރަނގަޅު ވީމަ އެއީ.
    ހުރިހާކަމެއް ވެ ސް މިންވަރުކުރައްވަނީ ﷲ

    17
    1