އެތައް އަހަރެއް ވަންދެން އެމެރިކާ ސިފައިންގެ ހިމާޔަތުގެ ދަށުގައި އޮތް އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތެއް ނެތް ކަމަށް ވިދާޅުވެ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ދެއްކެވި ވާހަކަތަކަށް އަފްޣާނިސްތާންގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ފާޑު ވިދާޅުވެއްޖެއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ) އިމްރާން ހާން އެގޮތަށް ވިދާޅުވުމާ ގުޅިގެން އޭނާ އަށް އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އެގޮތުން އަފްޣާނިސްތާނުގައި ކުރިން ވެރިކަން ކުރެއްވި އެގައުމުގެ ރައީސް ހާމިދް ކަރްޒާއި ހާން ދިން ރައްދު ހިމެނެއެވެ. ކަރްޒައީ ވިދާޅުވީ އެ ވާހަކަތަކަކީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް އިހުތިރާމް ކުޑަވާ އަދި ރައްޔިތުން ނަފްރަތު ކުރާ ވާހަކަތަކެއް ކަމަށް ސިފަކުރައްވައިފައެވެ.

ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބޭއްވި އަފްޣާނިސްތާނާ ބެހޭ ސެޝަންއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ހާން ވިދާޅުވީ އަންހެން ކުދިންނަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުދިނުމަކީ އަފްޣާނިސްތާނުގެ ތާރީހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އިމްރާން ހާން ވިދާޅުވީ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ ޚުރާސަން ބްރާންޗް (އައިއެސްއައިއެސް-ކޭ) އިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ޕާކިސްތާނަށް ބިރު ދައްކަމުންދާ ކަމަށެވެ.

ހާމިދު ކަރްޒާއީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އަފްޣާނިސްތާނުގައި އައިއެސްއައިއެސް-ކޭ އަށް ނިސްބަތްވާ މީހުން ތިބުމަކީ އަފްޣާނިސްތާނާ ދެކޮޅަށް ހިންގާ ޕްރޮޕެގެންޑާއެއް ކަމަށާއި، މި ކަމުގެ ފޮރުވިފައިވާ ހަގީގަތަކީ ވެސް އެއީ ކަމަށެވެ.

ކަރްޒާއީ ވިދާޅުވީ އައިއެސްއައިއެސް-ކޭ އަކީ އަބަދުވެސް ޕާކިސްތާނުން އަފްޣާނިސްތާނަށް ބިރު ދައްކާ ބައެއް ކަމަށެވެ.

ނޯވޭއަށް ކަނޑައަޅާފައި ހުންނަވާ އަފްޣާނިސްތާނުގެ ކުރީގެ މަންދޫބު، ނޯވޭޝުކްރިއާ ބަރްކެޒާއީވެސް ވަނީ އިމްރާން ޚާންގެ މި ވާހަކަފުޅަށް ރައްދު ދީ، އެއީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އިހުތިރާމް ކުޑަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެކަމަނާ ގެ ޓްވިޓާ ޕޯސްޓްގައި ވިދާޅުވީ އަފްޣާނިސްތާނުގެ ސަގާފަތުގައި އަންހެން ކުދިންނަށް ހުއްދަ ނުދޭ ކަމަށް ބުނެ ޚާން ދެއްކި ވާހަކަތަކުން އަފްޣާނިސްތާނުގެ ތާރީހާ ބެހޭ ގޮތުން އޭނާއަށް އެނގޭ މިންވަރު ކުޑަކަން ހާމަވާ ކަމަށެވެ.