ކޮވިޑް-19ގެ އާ ވޭރިއެންޓެއް ކަމަށްވާ "އޮމިކްރޮން ވޭރިއެންޓް" ޖެހިގެން ޖަރުމަނުވިލާތުން މީހަކު މަރުވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ރޮބާޓް ކޮޗް އިންސްޓިޓިއުޓް ފޮރ އިންފެކްޝަސް ޑިޒީޒްއިން ވަނީ، ދެކުނު އެފްެރިކާއިން ފުރަތަމަ ދެނެގަނެވުނު އޮމިކްރޮން ވޭރިއެންޓް ސަބަބުން އެ ގައުމުން ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން ކަށަވަރު ކޮށްދީފައެވެ.

އޮމިކްރޮން ޖެހިގެން މަރުވި މީހާއަކީ އުމުރުން 60 އަހަރާއި 79 އަހަރާ ދެމެދުގެ މީހެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ.

ޖަރުމަނުވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު ކާލް ލައުޓަބާޗް ވަނީ އާ އަހަރާއި ދިމާކޮށް އޮމިކްރޮން ވޭރިއެންޓުގެ ވޭދަނަތައް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ.

އެގައުމުގައި އޮމިކްރޮން ވޭދަނަތައް ކޮންޓްރޯލް ކުރުމުގެ ގޮތުން، ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން އާ ފިޔަވަޅުތަކެއް އަޅާނެއެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ޕްރައިވެޓް އެއްވުންތައް ގިނަވެގެން 10 މީހުންނަށް ލިމިޓް ކުރުމާއި ނައިޓްކްލަބްތަކާއި ޑިސްކޯތައް ބަންދުކުރުން ހިމެނެއެވެ.

މީގެއިތުރުން، އެގައުމުން ވަނީ ދަތުރުފަތުރު ކުރުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ހަރުކަށި ކޮށްފައެވެ. އެގޮތުން، ދެކުނު އެފްރިކާއާއި އިނގިރޭސިވިލާތް ފަދަ އޮމިކްރޮންގެ އަސަރު ކޮށްފައިވާ ސަރަހައްދުތަކުން އަންނަ ދަތުރުވެރިންނަށް ކަރަންޓީން ވާން މަޖުބޫރުކޮށްފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެގައުމުގައި އޮމިކްރޮން ޖެހިފައި މިހާރު 810 މީހުން އެބަތިއްބެވެ. ޖަރުމަނުވިލާތުން މިހާތަނަށް އޮމިކްރޮން ވޭރިއެންޓުގެ 3198 ވޭދަނަ ފެނިފައިވެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ %25 އިތުރުވެފައެވެ. ރިޕޯޓުތައް ބުނާގޮތުން، އޮމިކްރޮން ވޭރިއެންޓް ޖެހުނު މީހުންގެ ތެރެއިން 48 މީހަކަށް ފަރުވާ ދީފައިވަނީ ހޮސްޕިޓަލުގައެވެ.