މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި މީހާ ކަމަށް ގާނޫނު ތަންފީޒް ކުރާ އިދާރާތަކުން އިއްތިފާގުވާ ކޮލަމްބިއާގެ ޑާރިއޯ އެންޓޯނިއާ އުސޫގާ އެމެރިކާ އާއި ހަވާލު ކޮށްފިއެވެ. އޭނާ މަޝްހޫރު ވެފައި ވަނީ "އޮޓޮނިއެލް" ނަމުގައެވެ.

އެންޓޯނިއާ އެމެރިކާ ސަރުކާރާއި ހަވާލު ކުރިކަން އިއުލާން ކުރަމުން ކޮލަމްބިއާގެ ރައީސް އިވާން ޑުކްއެ ކުރި ޓްވީޓެއްގައި ބުނީ އެންޓޯނިއާ އަކީ މުޅި ދުނިޔޭގައި ވެސް ހުރި ޑްރަގް ޓްރެފިކިން ހިންގާ އެންމެ ނުރައްކާތެރި މީހާ ކަމަށާއި އޭނާ ވަނީ އެތައް ލީޑަރުންނަކާއި އެތައް ފުލުސް އޮފިސަރުންނެއް މަރައި އެތައް ކުޑަކުދިންނަކަށް އަނިޔާ ކޮށްފައި ކަމަށެވެ.

އެންޓޯނިއޯގެ ޝަރީއަތް ކުރިއަށް ގެންދަން އޭނާ އެމެރިކާ އާއި ހަވާލު ކުރުމާއި ކޮލަމްބިއާގެ ގިނަ މީހުން ދެކޮޅެވެ. ކޮލަމްބިއާގެ މީހުން ބުނާ ގޮތުގައި ކޮލަމްބިއާގައި އެންޓޯނިއޯ ހިންގި ޖަރީމާތަކަށް އިންސާފު ލިބުމުގެ މަގު މިހާރު ވަނީ ބަންދުވެފައެވެ.

ނަމަވެސް ކޮލަމްބިއާގެ ރައީސް ވިދާޅުވީ އެމެރިކާ އިން އެންޓޯނިއޯގެ މައްސަލަ ބެލުމަށް ފަހު އިއްވާ ހުކުމެއް ތަންފީޒުކޮށް ނިމުމުން އޭނާ އަނބުރާ ކޮލަމްބިއާ އަށް ގެންނާނެ ކަމަށެވެ.

އެންޓޯނިއޯ ހައްޔަރު ކުރަން ހަތް އަހަރު ދުވަސް ވަންދެން ކުރި މަސައްކަތް ކާމިޔާބުވެ އޭނާ ހައްޔަރު ކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ކޮލަމްބިއާ އާއި ޕެނަމާ ގުޅޭ ބޯޑަރު ކައިރިންނެވެ. އެންޓޯނިއޯ ހައްޔަރު ކުރަން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 500 ސިފައިންނާއި 22 ހެލިކޮޕްޓަރެއް ބޭނުން ކުރިއެވެ. އެންޓޯނިއޯ ހައްޔަރު ކުރެވިދާނެ ފަދަ މައުލޫމާތެއް ދިން ފަރާތަކަށް އެމެރިކާ އިން އޮތީ ފަސް މިލިއަން ޑޮލަރު ހުށަހަޅާފައެވެ.

އެންޓޯނިއޯ އިއްޔެ އެމެރިކާގެ ކޯޓަކަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ވަނީ އަމުރު ކޮށްފައެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވަން ޖޫން މަހުގެ 02 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

އެންޓޯނިއޯ އަކީ ކޮލަމްބިއާގެ ގޭންގެއް ކަމަށްވާ ގަލްފް ކްލޭންގެ ލީޑަރެވެ. ގަލްފް ކްލޭން އަކީ ދުނިޔޭގައި އެންމެ ގިނައިން ކޮކޭން ވިއްކާ ގޭންގެވެ. އެގޭންގުން ވިއްކި ކޮކޭންގެ އަގު ދެބިލިއަން ޑޮލަރަށް ވުރެ މަތި ވާނެ ކަމަށް ފުލުހުން ބުނެއެވެ.

އެންޓޯނިއޯ އަކީ 1993 ވަނަ އަހަރު ޕަބްލޯ އެސްކޮބާ މަރާލި ފަހުން ކޮލަމްބިއާގައި އުފެދުނު އެންމެ ވަރުގަދަ ޑްރަގް ޑީލަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަހޫތަ

    ޔާނު ވެސްތަ

    6
    6
  2. އަހުމަދު

    ދިވެހި ޒުވާނުން: ހުވާ ގަދަ ގޮލައެއް. މަމުސްތަގުބަލުގަ ވާނީ މީނާޔަށް...

  3. Anonymous

    ޔާމީނަށްވުރެ ވަގެއް ނުވެވޭނެ

    3
    3