ޕާކިސްތާނަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތަކުން އަރައިގަތުމަށް އަޅާ ހާއްސަ ފިޔަވަޅުތަކުގެ ދަށުން އެގައުމަށް އެއްވެސް ގޮތަކަށް އެތެރެ ކުރުން މަނާ އެއްޗެހީގެ ލިސްޓެއް ސަރުކާރުން އާއްމުކުރިއު އޭގެތެރޭގައި މޯބައިލް ފޯނާއި ސިނގިރޭޓް ވެސް ހިމަނައިފިއެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ބޭރު ފައިސާ ލިބުން ދަތިވުމުގެ މައްސަލަ ހައްލު ކުރުމަށް ބައެއް ތަކެތި އެގައުމަށް އިމްޕޯޓް ކުރުން މަނާކޮށްފައެވެ. މިއީ ޕާކިސްތާން ރުޕީސްގެ އަގު ވެއްޓެމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ނިންމި ނިންމުމެއް ކަމަށް ސަރުކާރުން ބުނެއެވެ.
މޯބައިލް ފޯނާއި ސިނގިރޭޓްގެ އިތުރުން ޗޮކްލެޓާއި އަވިއައިނާއި ބޫޓާއި ފައިވާން ވެސް އެތެރެ ކުރުން ވަނީ މަނާކޮށްފައެވެ. އެތެރެކުރުން މަނާކުރި އިތުރު ތަކެތީގެ ތެރޭގައި ހެޑްފޯން، ހެޑްސެޓް، ދޮރާއި ދޮރުގެ ފްރޭމް، ދަބަސް، ފޮށި، ޓިޝޫ ޕޭޕަރު، ޝޭމްޕޫ، ޖޫސް، ޕާސްތާ، އައިސްކްރީމް، ސެލޫންގައި ބޭނުން ކުރާ ހުރިހާ އެއްޗެއް، ބަދިގޭގައި ބޭނުންކުރާ ތެއްޔާއި ތަށި. އަގުބޮޑު ގޮދަޑި، އެއްވެސް ބާވަތެއްގެ މަސް ވެސް ހިމެނެއެވެ.
މޭވާ އާއި ތަރުކާރީ އަދި ކާޕެޓް ވެސް އަފްޣާނިސްތާން ފިޔަވައި އެހެން ގައުމުތަކުން އެތެރެ ކުރުން ވަނީ މަނާކޮށްފައެވެ.
ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރ މަރިޔަމް އައުރަންޒީބް އިސްލާމްއާބާދުގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 38 ބާވަތެއްގެ މުދާ ޕާކިސްތާނަށް އެތެރެ ކުރުން މިހާރު މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ބޮޑުވަޒީރު ޝެހްބާޒް މިހާރު ކުރިއަށް ގެންދަވާ "އެމެޖެންސީ އިޤުތިޞާދީ ޕްލޭން" ގައި ހިމެނިގެން ނިންމި ނިންމުމެއް ކަމަށް މަރިޔަމް ވިދާޅުވިއެވެ.
މަރިޔަމް ވިދާޅުވީ ޕާކިސްތާނަށް ދިމާވެފައިވާ އިޤުތިޞާދީ މައްސަލަތަކުން އެގައުމު ސަލާމަތް ކުރުމަށް ބޮޑުވަޒީރު އަންނަނީ ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންނެވެ.
ނަސީބެއްނު ރައްޔިތުންނަށް ކައިބޮއި ހެދުންމަނާ ނުކުރިކަން.......އަދި ކާބޯތަކެތި އެތެރެކުރުން މަނާ ނުކުރިކަން....
ކާބޯތަކެތި އެއީ އެމީހުން އަމިއްލައަށް އުފައްދާ ތަކެތި. އެކޮއި ކަނީވެސް އެމީހުންގެ ބާސްމަތީ ރައިސް.
ދެވަނަ ސުރީލަންކާއަށް ޕާކިސްތާނު ބަދަލުވަމުންދާހެން ހާދައެބަ ހީވެޔޭ. އެމެރިކާގެ އަޅުވެތިކަމުގައި އެގައުމުގެ ވެރިން ޖެހި އެދަނީ މިސްރާބު އޮޅި ފަނާވާންގާތްވަމުން.