ކޮވިޑްގެ ބޭހާއި އެހެނިހެން ތަކެތި ދެކުނު ކޮރެއާއިން އުތުރު ކޮރެއާއަށް ބޮޑެތި ފުއްޕާހަމުގައި ފޮނުވަން ފަށައިފި އެވެ.

އެ މަސައްކަތުގައި އުޅެނީ ދެކުނު ކޮރެއާގެ އެކްޓިވިސްޓުން ތަކެކެވެ.

އެކްޓިވިސްޓެއް ކަމަށްވާާ ޕާާކް ސޭންގް ހަކް ބުނީ މިިދޔަ ބުދަ ދުވަހުވެސް ބޮޑެތި ފުއްޕާހަންތަކުގައި 20،000 މާާސްކާއި އެތައް ހާސް ވިޓަމިން ސީ ގުޅައައި އަދި ހުން ދަށް ކުރާާ ބޭސް ފޮނުވާފައިވާ ކަމަށެވެ.

މީގެ ކުރިން ޕާާކް ވަނީ ދެކުނު ކޮރެއާގެ ޕްރޮޕެގަންޑާާތައް ހިމެނޭ ލީފްލެޓްތައް ފުއްޕާ ހަމުގައި ފޮނުވައިފަ އެވެ.

އެތަކެތި އުތުރު ކޮރެއާ ފޮނުވަން ފެށިއިރު އެ ގައުމުގައި ކޮވިޑް ދަނީ ފެތުރެމުން ނެވެ. އަދި އުތުރު ކޮރެއާއިން ތުހުމަތު ކުރާ ގޮތުގައި އެ ގައުމަށް ކޮވިޑްގެ ވައިރަސް ވަނީ ދެކުނު ކޮރެއާާގެ ތެރެއިން އައި ތަކެތިންނެވެ.

އެހެންވެ ފުއްޕާހަމުގައި ތަކެތި ފޮނުވާތީ އެކަން ވެސް އުތުރު ކޮރެއާއިން ބަލަނީ ޝައްކުގެ ނަޒަރުން ނެވެ.

ނަމަވެސް ދެކުނު ކޮރެއާއިން ބުނީީ އުތުރު ކޮރެއާއިން އެފަދަ ވާާހަކަތައް ދައްކަނީ ކޮވިޑްގެ ކަންކަން ބޮއްސުން ލައިގެން އުޅޭތީވެ އެކަންކަން ފޮރުވުުމުގެ ގޮތުން ކަމަށެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެއާއަށް އޮމިކްރޯން ވަނީ މުދާ އެތެރެ ކުރުމަށް ޗައިނާގެ ބޯޑަރު ކުޑަ ދުވަސްކޮޅަކަށް ހުޅުވާލުމާއެކުއެވެ.

އުތުރުކޮރެއާއިން ބުނެފައިވާ ގޮތުގައި އެގައުމުގެ 4.8 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދި މަރުވީ އެންމެ 74 މީހުން ކަމަށް ވެސް އެގައުމުން ބުނެއެވެ. ނަމަވެސް އުތުރު ކޮރެއާ އިން މައުލޫމާތު ފެތުރުމުގައި ގެންގުޅޭ ކޮންޓްރޯލް ކުރުންތަކުގެ ސަބަބުން ގިނަ މީހުން އުތުރު ކޮރެއާ އިން ދޭ މައުލޫމާތު ގަބޫލެއް ނުކުރެއެވެ.