އިނގިރޭސި ވިލާތުގައި ފިނި ހޫނުމިން 40.3 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ގޮސް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ފިނިހޫނުމިން 40 ޑިގްރީއަށް ވުރެ މައްޗަށް އަރާފައި ވަނީ އިންގްލެންޑުގެ މެދުތެރޭގައިވާ ކޮނިންގްސްބީ ކިޔާ ރަށެއްގައެވެ. އަދި، އެހެން ސަރަހައްދުތަކުގައި ފިނިހޫނުމިން ވަނީ 38.7 ޑިގްރީއަށް މައްޗަށް އަރާފައެވެ. މިއީ މި ފަހުގެ ތާރީހެއްގާ ފިނިހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ގަދަ ހޫނުގެ ސަބަބުން އެގައުމުގެ ބޮޑު ސަރަހައްދެއްގާ ވަނީ އަލިފާން ރޯވެފައެވެ. ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވާލުމަށް އެގައުމުގެ އަލިފާން ނިއްވާ މީހުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ގަދަ ހޫނާއެކު އެ ގައުމުގެ ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، ރޭލު ދަގަނޑުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް އިންޖިނިއަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ގެއްލުންތަކާއެކު، ގިނަ ސަރަހައްދުތަކެއްގާ ރޭލު ދަތުރުތައް ވަނީ މެދުކެނޑިފައެވެ.

ހަމައެހެންމެ، ހޫނާ ގުޅިގެން ބައެއް އެއާޕޯޓުތަކުގެ ދަތުރުތައް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައެވެ. އަދި ގިނަ ސަރަހައްދުތަކުގެ ސުކޫލުތައް ވެސް ވަނީ ހޫނާ ގުޅިގެން ބަންދުކޮށްފަައެވެ.