ފްރާންސްގެ ވެރިރަށް ޕެރިސްގައި ދިރިއުޅޭ ކުރުދީންނާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ދިން ނުރައްކާތެރި ހަމަލާއަށްފަހު، އެ ސިޓީގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފަށައިފިއެވެ.

މުޒާހަރާ ކުރާ މީހުން ވަނީ ޕެރިސްގެ މަގުތައް މައްޗަށް އެއްވެ، އުޅަނދުތަކަށް ގެއްލުންދީ، އެއްޗިއްސާއި ތަންތަނުގައި އަލިފާން ޖަހައި، ފިހާރަތަކުގެ ބިއްލޫރިތައް ތަޅާ، ފުލުހުންނާއިދިމާލަށް އެއްޗެހި އުކާފައެވެ. ފުލުހުން ވަނީ މި ހަމަނުޖެހުންތައް ހުއްޓުވުމަށްޓަކައި ކަރުން ގޭސް ޖަހާފައެވެ.

މިދިޔަ ހުކުރު ދުވަހު ކުރުދީންގެ ސަގާފީ މަރުކަޒެއްގައި އަދި ކައިރީގައި ހުރި ކެފޭއެއްގައި ބަޑިން ހަމަލާދީ ކުރުދީންގެ ތިން މީހުންވަނީ މަރާލާފައެވެ. މި ހަމަލާ ދިން މީހާ އަމިއްލައަށް ވަނީ އޭނާއަކީ ނަސްލީ ތަފާތުކުރުމަށް ތާއީދުކުރާ މީހެއްކަން ހާމަކޮށްފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް އިއްޔެ ސިއްހީ ގޮތުން ބެލިބެލުމަށްފަހު، އެމީހާގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ބުނެ 69 އަހަރުގެ މި މީހާ ވަނީ މިހާރު ބަންދުން ދޫކޮށްލާ ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން އޭނާ އަދި ކޯޓަކަށް ހާޒިރެއް ނުކުރެއެވެ. އޭނާގެ ސިއްހަތު ތަން ދިން އިރަކުން އޭނާ ކޯޓަށް ހާޒިރުކުރާނެކަމަށް ޕެރިސްގެ އިދާރާތަކުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ މަސްދަރަކާ ހަވާލާދީ އޭއެފްޕީ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހާއަކީ ގައުމުން ބޭރުގެ މީހުން ދެކެ ނަފްރަތު ކުރާ މީހެއްކަމަށް އޭނާ ވަނީ ބުނެފައެެވެ. އަދި އެމީހާ މި ހަމަލާ ދިނުމަށް ބޭނުންކުރީ އޭނާގެ އަމިއްލަ ބަޑި ކަމަށާއި، ބަޑިއާއެކު 25 ކާޓްރިޖް ހިމެނޭ ފޮއްޓަކާއި، ލޯޑްކޮށްފައިވާ "ދޭއް ނުވަތަ ތިން" މެގަޒިންވެސް ފެނިފައިވާކަމަށް އެ މަސްދަރުން ވަނީ މައުލޫމާތު ދީފައެވެ.

ޕެރިސްގައި ކުރިއަށްދިޔަ ހަމަނުޖެހުުގެ ތެރެއިންމަގުމަތީގައި ހުރި އުޅަނދުތަކެއް ފުރޮޅާފައި --- ފޮޓޯ: ރޮއިޓާސް

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެމީހާ މަރާލާފައިވަނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. ހަމަލާތަކުގައި އިތުރު ތިން މީހުންނަށް އަނިޔާވެފައިވާއިރު، އެކެއްގެ ހާލު ސީރިއަސްއެވެ.

ހަމަލާދިން މީހާއަކީ މީގެ ކުރިންވެސް ހަތިޔާރު ބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. އޭނާ ކަފާލާތުގެ ދަށުން ޖަލުން މިނިވަންކޮށްފައި ވަނީވެސް މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިޔަ އަހަރު ޕެރިސްގައި ހުންނަ ހިޖުރަވެރިންގެ ކޭމްޕަކަށް ކަނޑި ބޭނުންކޮށްގެން ދިން ހަމަލާއެއްގައިވެސް އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.

ހުކުރު ދުވަހުގެ މި ހަމަލާއަށްފަހުގައި ހަމަ އެ ދުވަހުވެސް ސިޓީގައި ވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އަދި އިއްޔެ އަނެއްކާވެސް ކުރުދީންގެ އެތައް ސަތޭކަ ބަޔަކު ފުރަތަމަ އެއްވެފައިވަނީ ސުލްހަވެރިކަމާއެކުގައެވެ. ނަމަވެސް ފަހުން ވަނީ މި ސުލްހަވެރި އެއްވުން ހަމަނުޖެހުންތަކަށް ބަދަލުވެފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ ހަމަނުޖެހުންތަކުގެ ތެރެއިން 11 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި 31 ފުލުހުންނަށާއި މުޒާހަރާގެ އެއް ބައިވެރިއަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހަމަލާއަށް ފަހު ކުރުދީން ވަނީ އެމީހުންނަށް ރައްކާތެރިކަން ދިނުމަށް ފްރާންސްގެ އިދާރާތަކަށް ގޮވާލާފައެވެ.

ހުކުރު ދުވަހުގެ މި ހަމަލާދީފައިވަނީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހު ޕެރިސްގައި ބަޑިން ހަމަލާދީ ކުރުދީންގެ ތިން އަންހެނުން މަރާލި ހާދިސާއަށް 10 އަހަރު ފުރެން އުޅެނިކޮށެވެ. އެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވުނު މީހާ ހާދިސާގެ ކުޑަދުވަސްކޮޅެއްފަހުން ޝަރީއަތަށް ހާޒިރުވުމުގެ ކުރިން މަރުވެފައިވުމުން، ހާދިސާގެ ތަހުގީގު ހުއްޓާލާފައި އޮވެފައި، 2019 ވަނަ އަހަރު ވަނީ އަލުން ފަށާފައެވެ.